Tuesday, October 27
ހއ. ބާރަށުގައި ޒަމާނީ ބަނދަރެއް ހަދަން އެމްޓީސީސީއާ ޙަވާލުކޮށްފި

ހއ. ބާރަށު ޖެޓީ އަދި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ޙަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 540 ދުވަހުގެ މުއްދަތަކަށެވެ.

މި މަޝްރޫޢުގެ ދަށުން ބާރަށު ނެރު ފުންކުރުމާއި، އަލަށް ހަދާ ބަނދަރުގެ ފަޅު ފުންކުރުމުގެ އިތުރުން ނެރުފައިކަށި ޤާއިމުކުރުމާއި އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި އުޅަނދުފަހަރަށް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށް ރޭމްޕެއް އެޅުމާއި، ކުދި ޑިންގީތައް އެޅުމަށް ޚާއްޞަ ކޮންކްރީޓް ޖެޓީއެއް ޤާއިމުކުރުން ވެސް ހިމެނެއެވެ.

މީގެއިތުރުން ބަނދަރުގެ ރައްކާތެރިކަމަށްޓަކައި ގްރޮއިން ޖެހުމާއި، ދެފަރާތުގެ ވެލިގަނޑު ހިފެހެއްޓުމަށް ރިވެޓްމަންޓް ޖެހުމާއި، ސޭންޑް ފިލްޑް ބްރޭކްވޯޓަރ ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި ބަނދަރު ބޭނުންކުރާ ފަރާތްތަކުގެ ފަސޭހައަށް މޫރިންގ ބޯއީ، ބަނދަރު ބައްތި އަދި ނެރު ބައްތި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތަކުގެ ތެރެއިން ދެ ވަޢުދެއް އެއް މަޝްރޫޢަކުން ފުއްދުމުގެ މަސައްކަތް ފެށިގެންދިޔަ ތާރީޚީ ދުވަހެއް ކަމަށެވެ.

ރައީސްގެ ވަޢުދުފުޅަކީ ބާރަށުގައި މިހާރު އޮތް ޖެޓީގެ އާބާތުރަ ފިލުވައި، މަސްވެރިންނަށް ޚާއްޞަކޮށްގެން މަސްޖެޓީއެއް އެޅުމެވެ. ނަމަވެސް ކުރެވުނު ސާރވޭއިން ދެއްކި ގޮތުގައި މިހާރު ހުރި ޖެޓީގެ ތަނބުތައް ފަޅައިގެން ގޮސްފައި ވުމުން، އެއީ މަރާމާތުކުރެވޭނެ ވަރަށް ވުރެ ބޮޑު ގެއްލުމެކެވެ. އެހެންކަމުން ރައްޔިތުންގެ އެދުމުގެ މަތިން މި މަޝްރޫޢު ބަދަލުކުރެވުނީ ފުރިހަމަ ބަނދަރެއް ހެދުމަށެވެ.

ރައްޔިތުންގެ އެދުމާ އެއްގޮތަށް މި ބަނދަރުގައި ލޭންޑިންގ ކްރާފްޓް ކައިރިކުރެވޭނެ ސަރަޙައްދަކާއި، މުދާ އަރުވާ ބޭލުމަށް ޚާއްޞަ ސަރަޙައްދެއްގެ އިތުރުން، މަސްމާރުކޭޓަކާއި، މަސްވެރިންގެ ޑިންގީތައް ޕާކުކުރާނެ ސަރަޙައްދެއް، އަދި ރަސްމީ ފާލަމެއް ހިމެނޭނެއެވެ. މީގެއިތުރުން، ބޭރުތޮށި ލާއިރު ސޭންޑްފިލްކޮށް ރުއްގަސް އިންދޭނެ ޖާގަ ހިމަނައި، ބަނދަރާއި ބޭރުތޮށި އޯވަރ ބްރިޖަކުން ގުޅާލެވި، ސައިކަލުގައި ބޭރުތޮއްޓަށް ދެވޭގޮތަށް ފަރުމާކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ބާރަށުގެ ރައްޔިތުންގެ މި ހުވަފެން ޙަޤީޤަތަކަށް ހައްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ އިޚްލާޞްތެރި މަސައްކަތްޕުޅަށް މެންބަރު ޝުޖާޢު ވަނީ ރައްޔިތުންނާއި އަމިއްލަ ނަންފުޅުގައި ޝުކުރު އަދާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު