Tuesday, October 27
ރާއްޖޭން ބަންގްލަދޭޝަށް ދިޔަ ދެ މީހެއްގެ ހަށިގަނޑުން 5 މިލިއަން ރުފިޔާގެ ރަން އަތުލައިގެންފި

ރާއްޖޭން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ދިޔަ ދެ މީހެއްގެ ހަށިގަނޑުގެ ތެރޭގައި ފޮރުވައިގެން ގެންދިޔަ، 5 މިލިއަން ރުފިޔާއެއްހާ އަގުގެ ރަން އެ ގައުމުގެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ބަންގްލަދޭޝްގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ރަން އަތުލައިގަތީ ބަންގްލަދޭޝްގެ ކަސްޓަމްސް އިންޓެލިޖެންސް އެންޑް އިންވެސްޓިގޭޝަން ޑައިރެކްޓްރޭޓް (ސީއައިއައިޑީ) އިން މި މަހުގެ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. ޔޫއެސް-ބަންގްލާ އެއާލައިންސްގެ ބީއެސް338 ފްލައިޓުން ރާއްޖޭން ދިޔަ މި ދެ މީހުން، ޑާކާގެ ހަޒްރަތު ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ބަލައިފާސްކޮށްފައެވެ.

އެ ދެ މީހުންނަކީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށްވާ މުހައްމަދު ސުލައިމާނާއި ޖޮބައިދު އަހުމަދެވެ. ބަލައިފާސްކުރުމުގައި އެ މީހުންގެ ފުރަގަސްފަރާތުގައި ފޮރުވާފައި ހުރި 2.73 ކިލޯގެ ރަން ފެނިފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ. ރަނުގެ ޕޭސްޓް ބޭނުންކޮށްގެން ބިހުގެ ބައްޓަމަށް ހަދާފައި ހުރި މި ރަނުން، ކޮންމެ މީހެއްގެ ހަށިގަނޑުން ތިން ގަނޑު ވަނީ ނަގާފައެވެ.

އަތުލައިގަތް ރަނުގެ މަގުމަތީ އަގަކީ 4 ކްރޯޑް ޓާކާ ނުވަތަ ގާތްގަނޑަކަށް 5 މިލިއަން ދިވެހި ރުފިޔާ ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ. ރަނުގެ ސާފު މިންވަރާއި އަގު ކަށަވަރުކުރުމަށް އިތުރު ތަހުލީލުތައް ކުރިއަށްގެންދާނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް ދައުވާ އުފުލުމުގެ މަރުހަލާ ވަނީ ފަށާފައެވެ.

މީގެ އިތުރުން، ހަމަ އެ ދުވަހު ޗިޓަގޮންގްގެ ޝާހް އަމާނަތު އިންޓަނޭޝަނަލް އެއާޕޯޓުގައި، އަބޫދާބީއިން ދިޔަ ބަންގްލަދޭޝްގެ ރައްޔިތެއްގެ އަތުން، ކައްކަން ގެންގުޅޭ ތަވައަކާއި ތަރުކާރީ ގާނަން ބޭނުންކުރާ އެއްޗެއްގެ ތެރޭގައި ފޮރުވާފައި ހުރި 466 ގްރާމްގެ ރަން ވަނީ އަތުލައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު