Monday, October 26
ސަލާމަތީ ބާރުތަކުގެ ވެރިން 241 ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި

ސިނަމާލެ ބްރިޖުގައި ދެ ތެޔޮ ބޯޓު ޖެހުނު ހާދިސާއާއި ށ. ފުނަދޫގެ ޕެޓްރޯލް ޝެޑެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުގެ ވެރިން ހާޒިރުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފިއެވެ.

މި ހާދިސާތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ކަމާބެހޭ އިދާރާތަކުގެ ވެރިން ހާޒިރުކުރަން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ. ޣަފޫރު ވިދާޅުވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީއާއި ފުލުހުންގެ ކޮމިޝަނަރު އަޙްމަދު މުޙައްމަދު ހިމެނޭހެން އިސް ބޭފުޅުން މި ކަންކަމުގައި ޖަވާބުދާރީވެ ވަޑައިގަތުމަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ.

ޣަފޫރުގެ ހުށަހެޅުއްވުމަށް މާފަންނު އުތުރު ދާއިރާގެ އެމްއެންޕީ މެންބަރު މުޙައްމަދު ނާޒިމާއި މަހިބަދޫ ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ޠާރިޤް ތާއީދުކުރެއްވިއެވެ. ބްރިޖުގައި ތެޔޮ ބޯޓު ޖެހުނު ހާދިސާއާ ގުޅިގެން ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލް ފާޠިމަތު ދިޔާނާ ހާޒިރުކުރަން ނާޒިމް ވެސް ހުށަހަޅުއްވާފައިވާއިރު، އެ ހުށަހެޅުއްވުމަށް ވެސް ޠާރިޤް ތާއީދުކުރެއްވިއެވެ. ޣަފޫރުގެ ހުށަހެޅުއްވުން ވަނީ ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

ޣަފޫރު ފާހަގަކުރެއްވި ގޮތުގައި، މިފަދަ ހާދިސާތަކުގައި ފުރާނަ ގެއްލޭ މީހުންގެ ޢާއިލާތަކަށް އިންސާފު ލިބެން ޖެހޭނެއެވެ. ނާޒިމް ވިދާޅުވީ، އެ ހާދިސާތަކާ ގުޅިގެން އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތައް ދެނެގަތުމަކީ 241 ކޮމިޓީގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ޠާރިޤް ފާހަގަކުރެއްވީ، ބައެއް ސިފައިންނާއި ފުލުހުން ކަނޑުމަތީގެ ހާދިސާތަކުގައި ނިޔާވެފައިވާތީ، އެފަދަ ހާދިސާތައް ހިނގަން މެދުވެރިވި ސަބަބުތައް ހޯދައި، އެ ދެ އިދާރާގެ އަތުގައި ކޮންކޮން ވަސީލަތްތަކެއް ނެތީމަތޯ ބަލަން ޖެހޭނެ ކަމަށެވެ.

ބްރިޖުގައި ޖެހުނު ދެ އުޅަނދަކީ މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ޤާނޫނާ ޚިލާފަށް ވަދެގެން ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ "އެމްޓީކޭޖީ 1" އަދި "އޭއެލް 1" ނަމަކަށް ކިޔާ ދެ ތެޔޮ ޓޭންކަރެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ ބާރުގަދަ ކޮޅިގަނޑެއްގައި ނަގިލި ކަނޑައިގެން އޮޔާގޮސް ސިނަމާލެ ބްރިޖުގައި ޖެހުނު އެ ދެ އުޅަނދު، ފަހުން ބްރިޖު ދަށުން އޮޔާގޮސް ރާއްޖޭގެ ސަރަޙައްދުން ގާތްގަނޑަކަށް 30 ނޯޓިކަލް މޭލު ބޭރަށް އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އެ ބޯޓުތަކުގައި ތިބި އިންޑިއާއަށް ނިސްބަތްވާ 20 ފަޅުވެރިން ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށުގައެވެ.

މި މައްސަލައިގައި ކަސްޓަމްސްއިން ބުނެފައިވަނީ އެ ދެ ބޯޓު 600,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށާއި، ބޯޓުތައް އޮޔާދިޔައީ މޫސުމީ ޙާލަތުގެ ސަބަބުން ދިމާވި ޤުދުރަތީ ހާދިސާއަކުން ކަމަށްވާތީ، އެކަމުގައި އެ އިދާރާގެ އިހުމާލެއް ނެތް ކަމަށެވެ.

އިއްޔެ ހެނދުނު ށ. ފުނަދޫގެ ޕެޓްރޯލް ޝެޑެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި، ކައިރީގައި ހުރި ގެއަކަށް ވަރަށް ބޮޑަށް ގެއްލުންވެ އެ ގޭގައި ދިރިއުޅޭ 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވެއެވެ. އެ ހާދިސާގެ ތަޙުޤީޤަށް ފުލުހުންގެ ޚާއްސަ ޓީމެއް ވެސް މިއަދު ފުނަދޫއަށް ގޮސްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު