Monday, October 26
ކައްދޫ އެކްސިޑެންޓް: މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ޙުކުމްކޮށްފި

ލ. ކައްދޫގައި ލައިސަންސް ނެތި ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ގޮސް، ކަފިހިހުރަހުން މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހި، އެކަކު މަރުވެ އަނެކަކަށް އަނިޔާވި މައްސަލައިގައި، ދަޢުވާ ލިބުނު މީހާގެ މައްޗަށް ދެ ދަޢުވާއަކުން ޖަލު އަދަބު ކަނޑައަޅައި، 60 ދުވަހު ރޯދަ ހިފުމަށާއި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފިއެވެ.

ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ޙުކުމް އިއްވާފައި ވަނީ ލ. ފޮނަދޫ/ ހޯރަވިލާ، މުޙައްމަދު ނައުސާންގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ ޢަމަލެއް ކުރުމުގެ ކުށުގެ ދަޢުވާއާއި، މީހަކަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާއެވެ. މި ދެ މައްސަލަ ވެސް ބައްލަވައި ވަކިވަކިން ޙުކުމް އިއްވެވީ ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ޢަލީ ޝަރީފެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ރޭ 19:18 ހާއިރުއެވެ. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި، ނައުސާން އިތުރު މީހަކު ސައިކަލުގެ ފަހަތަށް އަރުވައިގެން ލާމު ލިންކް ރޯޑުން ދެކުނުން އުތުރަށް ބާރު ދުވެލީގައި ދުއްވާފައި ދަނިކޮށް، ކައްދޫ އިސްކަންދަރު އެއާބޭސްގެ ޓާމިނަލް މަގާއި ލިންކް ރޯޑު ގުޅޭ ހަތަރުއަނގޮޅީގެ ކަފިހިހުރަހުން ހުރަސްކުރަމުން ދިޔަ ދެ މީހެއްގެ ގައިގައި ސައިކަލުން ވަނީ ޖެހިފައެވެ.

މި އެކްސިޑެންޓުގައި ސައިކަލުން ޖެހުނު ލ. މާވަށް/ އެތުމާ، މަރްޔަމް މޫސާ އަށް ލިބުނު ބޮޑެތި އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އެ ރޭ 22:12 ހާއިރު ވަނީ މަރުވެފައެވެ. އަދި އއ. ހިމަންދޫ/ ގަލްފް، ޢަބްދުއްސަލާމް ޙުސައިންއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

މަރްޔަމް މޫސާ މަރުވި މައްސަލައިގައި ޤާނޫނުލްޢުޤޫބާތުގެ 111 ވަނަ މާއްދާގެ ދަށުން ކުރި ދަޢުވާއަށް ނައުސާން ވަނީ ޝަރީޢަތުގައި އިޢުތިރާފުވެފައެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު އޭނާ ވެފައިވާ އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން، ކޯޓުން ވަނީ ތިން އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައަޅާފައެވެ. ނަމަވެސް، ތަޙުޤީޤަށާއި ޝަރީޢަތަށް އޭނާ ބަންދުގައި ހޭދަކުރި އެއް އަހަރާއި ދެ މަހާއި 10 ދުވަސް އުނިކުރުމަށްފަހު، މި ދަޢުވާއިން އޭނާ ތަންފީޛުކުރަން ޖެހެނީ އެއް އަހަރާއި ނުވަ މަހާއި 20 ދުވަހުގެ ޖަލު އަދަބެކެވެ.

މީގެ އިތުރުން، ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަށް ވެސް ވަނީ އަމުރުކޮށްފައެވެ. އަދި މަރުޙޫމާގެ ވާރިޘުން މަރުގެ ދިޔަ ބޭނުންވާ ކަމަށް ބުނެފައިވާތީ، މަރުގެ ދިޔައިގެ ގޮތުގައި 1,000,000 (އެއް މިލިއަން) ރުފިޔާ، ޙުކުމް ކުރި ދުވަހުން ފެށިގެން 36 މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ނައުސާންގެ މައްޗަށް ވަނީ ޙުކުމްކޮށްފައެވެ.

ޢަބްދުއްސަލާމް ޙުސައިންއަށް އަނިޔާވި މައްސަލައިގައި، ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އުފުލި އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާއަށް ވެސް ނައުސާން ވަނީ އިޢުތިރާފުވެފައެވެ. މި މައްސަލައިގައި ވެސް ދައުލަތާއެކު ވެފައިވާ އިޢުތިރާފުގެ އެއްބަސްވުމަށް ރިޢާޔަތްކޮށް، އޭނާގެ މައްޗަށް ނުވަ މަހާއި 18 ދުވަހުގެ ޖަލު އަދަބެއް ވަނީ ކަނޑައަޅާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު