Monday, October 26
ހޯމް ސްކޫލިން ތަޢާރަފްކުރުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފްސާނީ ހާލަތެއްގެ ސަބަބުން ސްކޫލަށް ހާޒިރުވެ ތަޢުލީމު ހާސިލު ނުކުރެވޭ ކުދިންނަށް، އެކުދިން ދިރިއުޅޭ ގޭގައި މަދަރުސީ ތަޢުލީމު ފޯރުކޮށްދިނުމަށް ހޯމް ސްކޫލިން ޕްރޮގްރާމް ތަޢާރަފްކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމްއެވެ. "ތަޢުލީމުގެ ޤާނޫނަށް (ޤާނޫނު ނަންބަރު 24/2020) ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު" ގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. މި ބިލުގައި ތަޢުލީމުގެ ޤާނޫނަށް 42 އިޞްލާޙު ހުށަހަޅާފައިވެއެވެ.

ބިލުގެ ދަށުން، ޤާނޫނުގެ 16 ވަނަ މާއްދާގެ ފަހަތަށް 16-1 ވަނަ މާއްދާއެއް އިތުރުކޮށް، ހޯމް ސްކޫލިން ޕްރޮގްރާމްގެ އުސޫލުތައް ބަޔާންކޮށްފައިވެއެވެ. ކުއްޖާގެ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލައި ހަދާ އެސެސްމަންޓެއްގެ މައްޗަށް ބިނާކޮށް، ގޭގައި މަދަރުސީ ތަޢުލީމު ފޯރުކޮށްދެވޭނެއެވެ.

ހޯމް ސްކޫލިން ޕްރޮގްރާމްގެ ދަށުން ތަޢުލީމު ފޯރުކޮށްދެވޭނީ، ޖިސްމާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ނަފްސާނީ ނުވަތަ ޚާއްޞަ ހާލަތެއްގެ ސަބަބުން ކުއްޖާއަށް ސްކޫލަށް ހާޒިރުވެ ތަޢުލީމު ހާސިލު ނުކުރެވޭނަމައެވެ. އަދި ހޯމް ސްކޫލިން ޕްރޮގްރާމްގެ ދަށުން ކުއްޖާއަށް ތަޢުލީމު ފޯރުކޮށްދިނުމުގެ މާލީ ޤާބިލުކަން ބެލެނިވެރިންނަށް ހުންނަން ޖެހޭނެއެވެ. ކުއްޖާ ސްކޫލެއްގައި ރަޖިސްޓަރީވެފައި ވާން ވެސް ޖެހޭނެއެވެ.

ބިލުގައި ބުނެފައިވާ ގޮތުން، ނުކުޅެދުންތެރިކަމުގެ ސަބަބުން ސްކޫލަށް ހާޒިރުވެގެން ނުވަތަ ހޯމް ސްކޫލިން ޕްރޮގްރާމްގެ ދަށުންވެސް ތަޢުލީމު ހާސިލު ނުކުރެވޭ ކުދިންނަކީ، މަޖުބޫރު ތަޢުލީމު ލާޒިމުވާނެ ކުދިންނެއް ނޫނެވެ. ނަމަވެސް، އެފަދަ ކުދިންނަށް އެކަށޭނަ މިންވަރަކަށް އުނގަންނައިދިނުމަށް ބެލެނިވެރިން އެކަށީގެންވާ މަސައްކަތްކުރަން ޖެހޭނެއެވެ.

ބިލުގައި ހިމެނޭ އެހެން ކަންކަމުގެ ތެރޭގައި، ސްކޫލް ގަޑީގައި ނާސްތާ ލިބުމަށް ދަތިވާ ކުދިންނަށް ސަރުކާރުގެ ކޮންމެ ސްކޫލަކުން ކޮންމެ ދުވަހަކުވެސް ހިލޭ ނާސްތާ ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވެއެވެ. އެއީ ޤާނޫނުގެ 23 ވަނަ މާއްދާއަށް ހުށަހެޅި އިޞްލާޙެކެވެ.

މީގެ އިތުރުން، ސްކޫލަށް ދާއިރު ކުއްޖާއަށް އެކަށީގެންވާ ކާނާއާއި ނިދި ލިބިފައިވާކަން ކަށަވަރުކުރުމަކީ ބެލެނިވެރިންގެ ޒިންމާއެއްގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވެއެވެ. އަދި މުދައްރިސުންނާއި ސްކޫލުގެ އިސްވެރިންނަށް އިޙްތިރާމްކުރުމާއި، ސްކޫލުގެ އަމާންކަން ގެއްލޭފަދަ ކަންކަމުގައި ބައިވެރިނުވުމަށް ދަރިވަރުން އަހުލުވެރިކުރުމަށް ބާރުއަޅާ މާއްދާތަކެއްވެސް ބިލުގައި ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު