އާދިއްތަ, October 25
މޯލްޑިވްސް އެކްސްޕޯގެ އެސްއޯއީ ގިންތިން އެއްވަނަ އެޗްޑީސީއަށް، ދެވަނަ ވެމްކޯއަށް

މިއަހަރުގެ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު "މޯލްޑިވްސް އެކްސްޕޯ 2026" ގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) ގިންތިން އެއްވަނަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބި، ދެވަނަ މަގާމު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހޯދައިފިއެވެ.

ރޭ ބޭއްވި "މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެޗްޑީސީއާ އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ. އެޗްޑީސީގެ ފަރާތުން އިނާމާ ހަވާލުވެލެއްވީ، ޑިރެކްޓަރ އޮފް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް މަލްޝާ ޝަރީފްއެވެ.

އެޗްޑީސީން މައުރަޒަށް ހުށަހެޅީ، ހުޅުމާލެ ތަރައްގީވެގެން އައި ދުވަސްވަރު ދަތުރުފަތުރަށް ބޭނުންކުރި ދޯނި ރަމްޒުކޮށްދޭ މޮޑެލްއަކާއި، ހުޅުމާލެ ހިއްކުމުގެ ފުރަތަމަ ފިޔަވަހީގައި ބޭނުންކުރި ޑްރެޖަރުގެ މޮޑެލްގެ އިތުރުން، ހުޅުމާލެއަށް އަލަށް ތައާރަފުކުރަން ނިންމާފައިވާ ސްމާޓް މަގު ބައްތީގެ މޮޑެލްތަކެވެ.

ދޯނީގެ މޮޑެލްއަކީ ހުޅުމާލެ ބިނާކުރަން ފެށި ދުވަސްވަރު މާލެއާއި ހުޅުމާލެއާ ދެމެދު މީހުންނާއި މުދާ އުފުލުމަށް ބޭނުންކުރި ހަމައެކަނި އުޅަނދުގެ ނަމޫނާއެކެވެ. ޑްރެޖަރުގެ މޮޑެލްއަކީ ހުޅުމާލެ ހިއްކުމުގެ ފުރަތަމަ ފިޔަވަހީގައި، 2003 ވަނަ އަހަރު ސަރުކާރުން "ޑްރެޖިންގ އިންޓަރނޭޝަނަލް" ކުންފުނި މެދުވެރިކޮށް ރާއްޖެ ގެނައި "އެމަޒޯން" ކޮންނަ ބޯޓުގެ ތަފްސީލީ ނަމޫނާއެކެވެ. މި ކޮންނަބޯޓަކީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކޮށް، އެ މަޝްރޫޢު 6 މަސްދުވަހުގެ ތެރޭގައި ނިންމާލުމުގައި މުހިންމު ދައުރެއް އަދާކުރި އުޅަނދެކެވެ.

ސްމާޓް މަގުބައްތީގެ މޮޑެލްއަކީ، ހުޅުމާލޭގެ މަގުބައްތިތައް ދުރުގައި ތިބެގެން ކޮންޓްރޯލްކޮށް، އަލި ހުންނަ މިންވަރު އަމިއްލައަށް ބަދަލުކޮށް، ސިސްޓަމަށް ދިމާވާ މައްސަލަތައް ވަގުތުން ދެނެގަނެވޭ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން ކަރަންޓު ހަރަދު ކުޑަވެ، ކޮންމެ ބައްތިއެއްގެ ހާލަތު ވަގުތުން ބަލައި އަވަހަށް މައްސަލަތައް ހައްލުކުރެވޭނެއެވެ. މި ހުރިހާ މޮޑެލްތަކެއް ތައްޔާރުކުރީ އެޗްޑީސީގެ މުވައްޒަފުންނެވެ.

އެސްއޯއީ ގިންތިން ދެވަނަ މަގާމުގެ އެވޯޑު ވެމްކޯއާ ހަވާލުކޮށްދެއްވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ މިނިސްޓަރު ޙަސަން ޒަރީރުއެވެ. ވެމްކޯގެ ފަރާތުން އެވޯޑާ ހަވާލުވެލެއްވީ އެ ކުންފުނީގެ މަންދޫބެވެ. ވެމްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖޭގެ އެންމެ ބޮޑު އުފެއްދުންތެރިކަމުގެ މައުރަޒުގެ މިފަދަ ވާދަވެރި ގިންތިއަކުން ދެވަނަ ލިބުމަކީ މުޅި ކުންފުންޏަށާއި ޓީމަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

އިޤުތިޞާދީ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ "މޯލްޑިވްސް އެކްސްޕޯ 2026" ދެމިގެންދާނީ 2 ނޮވެމްބަރު 2026 ގެ ނިޔަލަށެވެ. މި މައުރަޒުގައި 600 ބައިވެރިންގެ ފަރާތުން ހުށަހަޅާ 4,400 އަށްވުރެ ގިނަ ޕްރޮޑަކްޓް ފެނިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު