އާދިއްތަ, October 25
މެންބަރުންގެ ހެލްތު އިންޝުއަރެންސް ކަނޑާލަން ހުށަހެޅި ޕެޓިޝަނަށް މާލިއްޔަތު ކޮމިޓީގެ ލަފާ ހޯދަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ މެންބަރުންގެ އާއިލާތަކަށް ކަނޑައަޅާފައިވާ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލައި ހުށަހެޅި އީ-ޕެޓިޝަނަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ލަފާ ހޯދުމަށް ފޮނުވައިފިއެވެ.

މިކަން ނިންމާފައިވަނީ، އެ ޕެޓިޝަނާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައެވެ. ޕެޓިޝަން މާލިއްޔަތު ކޮމިޓީގެ ލަފައަށް ފޮނުވުމަށް ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒްއެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒްއެވެ. ކޮމިޓީން އެ ހުށަހެޅުން ފާސްކޮށް، ޕެޓިޝަން ވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައެވެ.

މި ޕެޓިޝަނާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދެ ގަޑިއިރުގެ ބަހުސެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. 7,225 މީހުން ސޮއިކޮށްފައިވާ މި ޕެޓިޝަނަކީ މަޖިލީހަށް ހުށަހަޅާފައިވާ އީ-ޕެޓިޝަންތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ މީހުން ސޮއިކުރި ޕެޓިޝަނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ބުނާ ގޮތުން، މަޖިލީހުގެ ކޮންމެ މެންބަރަކާއި އެ މެންބަރެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ އަދި 18 އަހަރު ނުފުރޭ ދަރިން، ރާއްޖެއާއި ސާކް އަދި އާސިއާންގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެ މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކޮށްދޭން ޖެހެއެވެ. މީގެ އިތުރުން ކުރީގެ މެންބަރުންނަށް ވެސް އުމުރުދުވަހަށް މި އިނާޔަތް ލިބިދޭން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދު ހުށަހަޅާފައިވާ މި ޕެޓިޝަންގައި ބުނެފައިވަނީ، އާންމު ރައްޔިތުންނަށް ނުލިބޭ ސިއްހީ އިންޝުއަރެންސެއް ރައްޔިތުންގެ ފައިސާއިން މަޖިލިސް މެންބަރުންނަށް ދިނުމަކީ އެއްވެސް ސިޔާސީ ނިޒާމެއްގައި އޮންނަ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން، ކުރީގެ އަދި މިހާރުގެ މަޖިލިސް މެންބަރުންނާއި އެ މެންބަރުންގެ އާއިލާތަކަށް ހާއްސަ ސިއްހީ އިންޝުއަރެންސް ދޭން ބުނާ ގާނޫނުގެ މާއްދާތައް އުވާލައި، ހުރިހާ މެންބަރުންނަކީ ވެސް އާންމު ދިވެހިންނަށް ލިބޭ ގައުމީ ސިއްހީ އިންޝުއަރެންސް ލިބޭ ބަޔަކަށް ހެދުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ޕެޓިޝަންގައި ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު