Saturday, October 24
އައްޑޫ އެއާޕޯޓުގައި މޫސުމާ ބެހޭ އޮފީހަކާއި ޑޮޕްލަރ ރާޑަރެއް ގާއިމުކުރަނީ

އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި މޫސުމާ ބެހޭ އައު އޮފީހަކާއި، ޒަމާނީ އެސް-ބޭންޑް ޑޮޕްލަރ ވެދަރ ރާޑަރެއް ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އިމާރާތް އެޅުމަށް ކަނޑައެޅިފައިވާ ބިން އެއްކޮށް ސާފުކުރުމުގެ މަސައްކަތާއި، އެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސީސީޓީވީ ސެކިއުރިޓީ ކެމެރާތައް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.

މިނިސްޓްރީން ބުނީ އެ މަސައްކަތްތައް ނިމުމާއެކު، އައު މެޓް އޮފީހުގެ އިމާރާތާއި ޒަމާނީ ރާޑަރު ބެހެއްޓުމުގެ މައިގަނޑު ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ އައްޑޫ އެއާޕޯޓުގައި އަލަށް ގާއިމުކުރާ އެސް-ބޭންޑް ޑޮޕްލަރ ވެދަރ ރާޑަރަކީ ރާއްޖޭގެ ދެކުނުގެ މޫސުން ކުރިއަށްވުރެ މާ ބޮޑަށް ދެނެގަތުމަށާއި، ވިއްސާރައާއި ކޮޅިގަނޑުތައް އަންނަ މިސްރާބު ދުރާލައި ދެނެގަނެ ރައްޔިތުންނަށް އަވަސް އިންޒާރު ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ޒަމާނީ ވަސީލަތެއް ކަމަށެވެ.

"މީގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި ވެސް މި ރާޑަރު މުހިންމު ދައުރެއް އަދާކުރާނެއެވެ،" މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫޢު ނިމި ޚިދުމަތް ދޭން ފެށުމުން، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) ގެ ޚިދުމަތްތައް ލާމަރުކަޒީވެ، ދެކުނުގެ އަތޮޅުތަކުގައި މޫސުމީ މަޢުލޫމާތު އެއްކުރުމާއި ދިރާސާކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު