ރ. ދުވާފަރުން ފުރައިގެން ރ. ކަނދޮޅުދޫއަށް ތިން މީހުންނާއެކު ދަތުރުކުރި ލޯންޗެއްގެ އިންޖީނު ހުއްޓި ކަނޑުމަތީގައި ހާލުގައި ޖެހިފައިވަނިކޮށް ފުލުހުން ސަލާމަތްކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، "ޔާލު ސްޕީޑް" ނަމަކަށް ކިޔާ ލޯންޗެއް ހާލުގައި ޖެހިފައިވާ ކަމުގެ މަޢުލޫމާތު ދުވާފަރު ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 16:56 ހާއިރުއެވެ.
ހާދިސާގެ ރިޕޯޓު ލިބުމާއެކު، ދުވާފަރު ޕޮލިސް ސްޓޭޝަނުގެ ފުލުހުން ޑިންގީއެއްގައި އެ ސަރަޙައްދަށް ގޮސް، އެ ލޯންޗު ކަފުޖަހައިގެން ދުވާފަރު ފަޅަށް ވައްދާފައިވެއެވެ. އަދި ލޯންޗުގެ އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށް މަރާމާތުކުރުމުގައިވެސް ފުލުހުން ވަނީ އެހީތެރިވެދީފައެވެ.
މި ލޯންޗުން ދަތުރުކުރި މީހުންގެ ތެރެއިން ހާލު ދެރަވި ބަންގްލަދޭޝް ރައްޔިތަކަށް ދުވާފަރު ސިއްހީ މަރުކަޒުގައި ފަރުވާދީފައިވާއިރު، އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.






