މިދިޔަ އޮގަސްޓު މަހު ރާއްޖޭގެ ކާބޯތަކެތީގެ އިންފްލޭޝަން ރޭޓު 5.6 ޕަސެންޓަށް ދަށްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭ އިން އެންމެ ފަހުން ނެރުނު "މަންތްލީ ސްޓެޓިސްޓިކްސް" ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މާލެއާއި އަތޮޅުތަކުގައި ކާބޯތަކެއްޗާއި ޚިދުމަތްތަކުގެ އަގުތައް މިދިޔަ އޮގަސްޓު މަހު ވަނީ ދަށަށް ގޮސްފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު ފެށުނު އިރު ކާބޯތަކެތީގެ އިންފްލޭޝަން ހުރީ 1.2 ޕަސެންޓުގައެވެ. ނަމަވެސް މާރިޗު މަހަށް ފަހު އިންފްލޭޝަން ރޭޓު މަތިވަމުން ދިޔައެވެ.
ވެރިރަށް މާލޭގައި ކާބޯތަކެތީގެ އިންފްލޭޝަން ރޭޓު ވަނީ 5.8 ޕަސެންޓަށް ދަށްވެފައެވެ. މާލެ ސަރަހައްދުގައި މިއަހަރު ކާބޯތަކެތީގެ އަގުތައް އެންމެ ބޮޑަށް އުފުލުނީ ޖޫން މަހުގައެވެ.
އަތޮޅުތެރޭގެ އަގުތަކަށް ބަލާއިރު، ކާބޯތަކެތީގެ އަގުތައް މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން މައްޗަށް ދިޔައެވެ. އަތޮޅުތެރޭގައި އެންމެ ބޮޑަށް ތަކެތީގެ އަގުތައް އުފުލުނީ ޖޫން މަހާއި ޖުލައި މަހުއެވެ. އެ ދެ މަހުވެސް އިންފްލޭޝަން ހުރީ 7.1 ޕަސެންޓުގައެވެ. ނަމަވެސް ޖުލައި މަހާ އަޅާބަލާއިރު، އޮގަސްޓު މަހު ވަނީ ދަށްވާން ފަށާފައެވެ.
ކާބޯތަކެތީގެ އަގުތަކަށް ހެޔޮ ބަދަލެއް އައި ނަމަވެސް، ދަތުރުފަތުރުގެ ދާއިރާގެ ޚިދުމަތްތަކުގެ އަގުތައް އަދިވެސް ހުރީ ނިސްބަތުން މަތީގައެވެ. އޮގަސްޓު މަހު ދަތުރުފަތުރުގެ އިންފްލޭޝަން ރޭޓު ހުރީ 9 ޕަސެންޓުގައެވެ. މިއަހަރުގެ މާރިޗު މަހުން ފެށިގެން މި ދާއިރާގެ އަގުތައް އުފުލިފައިވާއިރު، އެންމެ ބޮޑަށް އަގުތައް މައްޗަށް ދިޔަ އޭޕްރީލް މަހު މި ރޭޓު ހުރީ 10.2 ޕަސެންޓުގައެވެ.






