Thursday, October 22
ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ

ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ތަންތަނަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ކުރިއަށް އޮތް 24 ގަޑިއިރަށް ލަފާކުރާ ގޮތުގައި، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

އެ އިދާރާއިން ލަފާކުރާ ގޮތުގައި ހުކުރު އަދި ހޮނިހިރު ދެ ދުވަހު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެއެވެ. އެގޮތުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، އެހެން އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ދެ ސަރަހައްދަކަށް ހުދު ސަމާލު (ވައިޓް އެލާޓް) ވެސް ނެރެފައެވެ. އެގޮތުން ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 14:00 އިން 20:00 އަށެވެ. އަދި ޅ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 15:30 އިން 21:00 އަށެވެ. މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މަޢުލޫމާތު ދެއެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއާއި ސަލާމަތީ ޚިދުމަތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު