Thursday, October 22
ފެންބޮޑުވުމާ ގުޅިގެން މާލެ ސަރަހައްދުން އެމްޓީސީސީން 367 ޓަނަށްވުރެ ގިނަ ފެން ހިންދައިފި

މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ އެމަޖެންސީ ޓީމުތަކުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި 367.82 ޓަނުގެ ފެން ހިންދައިފިއެވެ.

މި މަހުގެ 21 އަދި 22 ވަނަ ދުވަހު ގްރޭޓަރ މާލެ ސަރަހައްދުގައި އެމްޓީސީސީގެ އެމަޖެންސީ ސާވިސަސްއިން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި، ރޭގަނޑުގެ ވަގުތުތަކުގައި ވެސް މެދުކެނޑުމެއް ނެތި ފެން ހިންދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މި އޮޕަރޭޝަނުގެ ތެރެއިން އެންމެ ގިނައިން ފެން ހިންދާފައިވަނީ ބޮޑުތަކުރުފާނު މަގު، މަސްވެރިންގެ ޕާކު ސަރަހައްދުންނެވެ. އެ ސަރަހައްދުން އެކަނިވެސް 174.99 ޓަނުގެ ފެން ޕަންޕު ބޭނުންކޮށްގެން ވަނީ ބޭރުކޮށްފައެވެ.

މީގެ އިތުރުން ސޯމިލް ސަރަހައްދުން 89.72 ޓަނުގެ ފެން ހިންދާފައިވާއިރު، ހެންވޭރު ފެރީ ޓާމިނަލް ހިމެނޭ ސަރަހައްދުން 53.03 ޓަނުގެ ފެން ވަނީ ހިންދާފައެވެ. އަދި ހުޅުމާލޭގެ އޮލްޑް ކޭލާ ގެމަތަ ސަރަހައްދުން ވެސް 50.08 ޓަނުގެ ފެން ވަނީ ޕަންޕުކޮށް ހުސްކޮށްފައެވެ.

ފެން ހިންދުމުގެ އިތުރުން، ގެތަކަށާއި ފިހާރަތަކަށް ފެންވަނުން ހުއްޓުވުމަށް ޖަހާ ވެލިބަސްތާތަކަށް ބޭނުންވާ ވެލި ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް އެ ކުންފުނިން ވަނީ ކޮށްފައެވެ. އެގޮތުން ޑަމްޕް ޓްރަކް ބޭނުންކޮށްގެން ހުޅުމާލެ ފޭސް 2 އިން މާލެއަށް ވެލި ވަނީ އުފުލައިދީފައެވެ.

މި ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެ ބައެއް ގެދޮރަށާއި ފިހާރަތަކަށް ފެންވަދެ މުދަލަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. މިކަމާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ އިސްނެގުމުގެ ދަށުން އެމްއެންޑީއެފް، ދިވެހި ފުލުހުންގެ ޚިދުމަތް، ދިވެހި ރެޑް ކްރެސެންޓް، މާލޭ ސިޓީ ކައުންސިލް، އެމްޓީސީސީ އަދި އެޗްޑީސީ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި، ކުއްލި ނުރައްކަލުގެ މިފަދަ ހާލަތްތަކުގައި އާންމު ރައްޔިތުންގެ މުދަލާއި ފުރާނައިގެ ރައްކާތެރިކަމަށްޓަކައި ސަރުކާރާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ކުންފުނި އަބަދުވެސް ދެމިއޮންނާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު