ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް އިސްލާމްއާބާދުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓެއް އެރުވުމާ ގުޅިގެން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަރުޙަބާ ދަންނަވައިފިއެވެ.
ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙާލަތު ރަނގަޅުކުރެއްވުމަށާއި ސަރުކާރުގެ ހިންގުން ހަރުދަނާކުރައްވައި ދައުލަތުގެ މުއައްސަސާތައް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްޕުޅުތައް ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.
މީގެއިތުރުން، އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތުގެ ދަށުން ދިވެހިރާއްޖެއާއި ދިވެހިން އިސްކުރައްވައިގެން، އަވައްޓެރި ޤައުމުތަކާއި އެހެނިހެން ޤައުމުތަކާއެކު ތިލަފަތްހަމަ ގުޅުމެއް ބާއްވަވަމުން ގެންދަވާތީ، މިއީ ރާއްޖެއަށާއި ރައްޔިތުންނަށް ލިބުނު ބޮޑު ޝަރަފަކާއި ފަޚުރެއްކަން ވެސް އެ ޕާޓީން ފާހަގަކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް 20 އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާތީ އެކަމަށް ވެސް ޕީއެންސީން ވަނީ މަރުޙަބާ ދަންނަވާފައެވެ.
ޕާކިސްތާނަށް ދިވެހިރާއްޖޭގެ ވެރިއަކު ޒިޔާރަތް ނުކުރައްވާތާ 11 އަހަރަށްފަހު ކުރެއްވި މި ދަތުރުފުޅަކީ، އިސްލާމީ ޤައުމުތަކާއެކު ގާތް ގުޅުމެއް ދެމެހެއްޓެވުމަށް ރައީސް ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެއް ކަމަށް ވެސް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
ރައީސަށް މި ޝަރަފު އަރުވާފައިވަނީ 21 އޮކްޓޯބަރުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ރައީސަށް މި އޮނަރަރީ ޑޮކްޓަރޭޓް އެރުއްވީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް އިސްލާމްއާބާދުގެ ނައިބު ރައީސް ޕްރޮފެސަރ ޑރ. ނަދީމް އަޙްމަދު ޝެއިޚެވެ.
މިއީ ރައީސަށް މިފަދަ ޝަރަފެއް އެރުވުނު ދެވަނަ ފަހަރެވެ. މީގެކުރިން މިދިޔަ އަހަރު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން ވަނީ ރައީސަށް އޮނަރަރީ ޑޮކްޓަރޭޓެއް އަރުވާފައެވެ.






