Wednesday, October 21
ފަސް މީހުންނާއެކު ފުވައްމުލަކަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވަނީ

ފުވައްމުލައް ސިޓީއަށް ދަތުރުކުރަމުންދިޔަ "ރާސްތާ" ނަމަކަށް ކިޔާ މުދާ އުފުލާ ސަޕްލައި ދޯންޏެއް ދިޔަވަމުންދާތީ، އެ ދޯންޏާއި އޭގައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އެ ދޯނި ދިޔަވަމުންދަނީ ފުވައްމުލައް ސިޓީއާ ގާތްގަނޑަކަށް 12 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. މި ހާދިސާގެ މަޢުލޫމާތު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 15:08 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، މި ދޯނިން ދަތުރުކުރަމުން ދިޔައީ ހަތަރު ދިވެހިންނާއި ބިދޭސީއަކާއެކު ޖުމްލަ ފަސް މީހުންނެވެ. ދޯންޏަށާއި، އޭގައި ތިބި މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި ހާދިސާ ހިނގާފައިވާއިރު، ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން މިއަދު މެންދުރުފަހު 13:30 އިން ފެށިގެން ގއ. އަތޮޅާއި ގދ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފައިވެއެވެ.

މޫސުން ގޯސްވެ ކަނޑުގަދަވާ ދުވަސްވަރު ކަނޑުމަތީގައި ތަފާތު ހާދިސާތައް ހިނގަމުންދާތީ، ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ އެންމެހައި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު