Wednesday, October 21
ބައިނަލްއަޤުވާމީ 10 އެއާލައިނެއްގެ ޗެކްއިން ޓަރމިނަލް 2 އަށް ބަދަލުކުރަނީ

ކުރިއަށް އޮތް ފިނި މޫސުމާ ދިމާކޮށް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ޚިދުމަތް ހޯދާ ބައިނަލްއަޤުވާމީ 10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ޓަރމިނަލް 2 އަށް ބަދަލުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.

މި ބަދަލަށް ޢަމަލުކުރަން ފަށާނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.

އެމްއޭސީއެލް އިން ބުނީ، މި އިންތިޒާމުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އައުން އެންމެ ބާރުބޮޑުވާ ދުވަސްވަރު ވީއައިއޭގެ ދެ ޓަރމިނަލުން ވެސް ބައިނަލްއަޤުވާމީ ދަތުރުތަކަށް ޚިދުމަތް ދެވިގެންދާނެ ކަމަށެވެ. އަދި ޖާގައިގެ ތަނަވަސްކަމާއި އިތުރު ޗެކްއިން ކައުންޓަރުތަކާއެކު ދަތުރުވެރިންނަށް ލުއިފަސޭހަ މާޙައުލެއް ޤާއިމުވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

މި މަހުގެ 25 އިން ފެށިގެން މުޅި ފިނި މޫސުމުގެ ތެރޭގައި ޓަރމިނަލް 2 އިން ޗެކްއިން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ އެއާލައިންތަކަކީ:

  • ޔޫ.އެސް-ބަންގްލާ އެއާލައިންސް
  • ސެންޓްރަމް އެއާ (އުޒްބެކިސްޓާން)
  • އެސް ސެވަން (އެސް7) އެއާލައިންސް (ރަޝިޔާ)
  • ކުވެއިތު އެއާވޭސް (ކުވެއިތު)
  • ނިއޯސް (އިޓަލީ)
  • އަޒުރު އެއާ (ރަޝިޔާ)
  • އޭރޯފްލޮޓް (ރަޝިޔާ)
  • ފްރެންޗް ބީ (ފްރާންސް)
  • ގަލިވްއެއާ (ބަލްގޭރިއާ)
  • ޝިރަކް އޭވިއާ (އަރުމީނިއާ)

ކުރިން ބައިނަލްއަޤުވާމީ ދަތުރުތަކަށް ބޭނުންކުރަމުން އައި ޓަރމިނަލް 2 ގެ ފެންވަރު މަތިކޮށް، ޒަމާނީ ބަދަލުތަކަކާއެކު އެތެރޭގެ ދަތުރުތަކަށް ޚިދުމަތް ދޭން ފަށާފައިވަނީ މި އަހަރުގެ ފެބުރުއަރީ މަހުގައެވެ. 27 ޗެކްއިން ކައުންޓަރާއި އައު ލަގެޖް ބެލްޓްތަކުގެ އިތުރުން ކެއިންބުއިމުގެ ޚިދުމަތްތަކާއި، ނަމާދުކުރާ ތަނާއި، ކުޑަކުދިން ކުޅޭނެ ޚާއްޞަ ސަރަޙައްދެއް ވެސް މި ޓަރމިނަލުގައި ވަނީ ޤާއިމުކޮށްފައެވެ.

މި 10 އެއާލައިނުން ދަތުރުކުރާ ފަސިންޖަރުން ޗެކްއިންވުމަށް ސީދާ ޓަރމިނަލް 2 އަށް ދިޔުމަށާއި، ފުރުމުގެ އިންތިޒާމުތައް ފުރިހަމަކުރުމަށް އެކަށީގެންވާ ވަގުތު އޮއްވައި އެއާޕޯޓަށް ދިޔުމަށް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު