މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މޫދުވިނަ އާލާކުރުމުގެ ހުއްދަ އިތުރު ތިން ރަށަކަށް ދޫކުރުމުގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ. އެ ތިން ރަށަކީ ގއ. ގެމަނަފުށި، މ. ވޭވަށް އަދި ލ. ހިތަދޫއެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެ ރަށްރަށުގެ ކައުންސިލްތަކުން މިހާރު ވަނީ ހުއްދަ ދީފައެވެ.
ވުޒާރާއިން ބުނީ މިހާތަނަށް މޫދުވިނަ އާލާކުރުމުގެ ހުއްދަ 5 ފަރާތަކަށް ދީފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ ރަށެއްގައި މިހާރުވެސް ދަނީ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.
މިހާތަނަށް ހުއްދަ ދީފައިވާ ސަރަހައްދުތަކަކީ ގއ. ކޮލަމާފުށި (ކަޅުހުއްޓާ ފަޅު)، ގއ. ކޮނޑޭ، ށ. ގޮއިދޫ، މ. ކޮޅުފުށި އަދި ބ. ގޮއިދޫއެވެ.
މެރިކަލްޗަރ ސިނާޢަތް ވަކި ސިނާޢަތެއްގެ ގޮތުގައި ފުޅާކޮށް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން 6 އަތޮޅަކުން ޖުމްލަ 13 ޒޯނެއް ވަނީ ކަނޑައަޅާފައެވެ. އެ ޒޯންތަކުގެ ޖުމްލަ ބޮޑުމިން 3,849 ހެކްޓަރަށް އަރައެވެ.
މެރިކަލްޗަރ މަޝްރޫޢުތަކުގެ ދަށުން 2025 ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން މޫދުވިނަ އާލާކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ފުރަތަމަ ފަހަރަށް ސިނާޢީ ފެންވަރުގައި މޫދުވިނަ ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރީ މިދިޔަ އަހަރުއެވެ.
ފްލޯޓިންގ އޭކާސްއިން މޫދުވިނަ އާލާކުރުމާ ގުޅޭގޮތުން ދިރާސާކުރުމަށްފަހު އެކަމުގެ ހުއްދައަށް އެދުމުން މީގެކުރިން އެ ހުއްދަ ދީފައެއް ނުވެއެވެ. ނަމަވެސް، މި ސަރުކާރުން ކަނޑައެޅި މެރިކަލްޗަރަށް ފަހި ސިޔާސަތުގެ ދަށުން ވިޔަފާރި އުސޫލުން އެ ހުއްދަ މިހާރު ވަނީ ދީފައެވެ.
ރާއްޖޭގައި މޫދުވިނަ އާލާކުރެވިދާނެތޯ ބެލުމަށް މީގެ ކުރިން ހިންގި އަޖުމަ ބެލުމުގެ މަޝްރޫޢު ނިމުމުން ޝާއިޢުކުރި ރިޕޯޓުގައިވެސް ފާހަގަކޮށްފައިވަނީ މިއީ ރާއްޖޭގައި ކުރެވިދާނެ މަސައްކަތެއް ކަމަށެވެ.
އޭޝިއާ ސަރަޙައްދުގައި މޫދުވިނަ އުފެއްދުމުގެ މަސައްކަތް ފެށިތާ 50 އަހަރު ވެފައިވާއިރު، މިހާރު ދުނިޔޭގައި އުފައްދާ މޫދުވިނައިގެ 98 އިންސައްތަ ޙިއްޞާކުރަނީ ޗައިނާ، އިންޑޮނޭޝިއާ، ސައުތު ކޮރެއާ އަދި ފިލިޕީންސް ފަދަ އޭޝިއާގެ ޤައުމުތަކުންނެވެ.
2023 ވަނަ އަހަރު 17.14 ބިލިއަން ޑޮލަރުގައި އޮތް ދުނިޔޭގެ މޫދުވިނައިގެ މާކެޓް، 2032 ވަނަ އަހަރާ ހަމައަށް ދާއިރު ދެގުނައަށް ކުރިއަރާނެ ކަމަށް މާހިރުން އަންދާޒާކުރެއެވެ.
ރާއްޖޭގެ ބޮޑުބަޔަކީ ކަނޑުގެ ސަރަޙައްދު ކަމުގައި ވުމުން، މޫދުވިނަ އުފެއްދުމުގެ މަޝްރޫޢުތައް ތަޢާރަފުކުރުމަކީ ރާއްޖެއަށް އައު ވަޒީފާތަކާއި، ބޭރު ފައިސާގެ އާމްދަނީ އަދި މަސްވެރިކަމާ ގުޅުންހުރި ދާއިރާތައް އިތުރަށް ތަރައްޤީކުރުމަށް ލިބޭނެ މުހިންމު ފުރުޞަތެކެވެ.






