Tuesday, October 20
އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި

ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކޮށް، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން އިއްވީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، ޓެކްސް ދައްކާ ފަރާތްތަކުން ދައްކަންޖެހޭ އިންޓްރެސްޓް އުނިކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް މުރާޖަޢާކޮށް، އެކަމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ. އަދި މިހާރު ޢަމަލުކުރަމުންދާ އާމްދަނީން ޓެކްސް ނެގުމާބެހޭ ޤާނޫނުގައި ހިމެނޭ ބައެއް މާއްދާތަކާއި ބައިތައް އުނިކުރުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި ބަލާނީ ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތެއްގެ ޓެކްސް-އެބިޓްޑާގެ 25 އިންސައްތައެވެ. މިއީ ވިޔަފާރިތަކުން ޓެކްސް ދެއްކުމުގައި އިންޓްރެސްޓް ޚަރަދުތައް އުނިކުރެވޭނެ މިންވަރު ކަނޑައެޅުމަށް ގެންނަ މުހިންމު ބަދަލެކެވެ.

މި އިޞްލާޙަށް ޢަމަލުކުރަން ފެށުމަށް ހުށަހަޅާފައިވަނީ 1 ޖެނުއަރީ 2027 އިން ފެށިގެންނެވެ. މި ބަދަލު ތަންފީޒުކުރަން ފެށުމުން އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ދައުލަތަށް 496،300،302 ރުފިޔާ ލިބޭނެ ކަމަށް ބިލުގައި ވަނީ އަންދާޒާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު