އާދިއްތަ, October 18
ސައިކަލުން ޖެހި އަނިޔާވި ފުލުސް އޮފިސަރުގެ ހާލު މިނިސްޓަރު އިހްސާން ބައްލަވައިލައްވައިފި

ސިނަމާލެ ބްރިޖުގެ ޗެކްޕޮއިންޓެއްގައި ވާޖިބު އަދާކުރަން ހުއްޓާ ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ލިބުނު ފުލުސް އޮފިސަރުގެ ހާލު ބެއްލެވުމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގައި މިނިސްޓަރު ވަނީ އެ އޮފިސަރަށާއި އޭނާގެ ޢާއިލާއަށް ހިތްވަރު ދެއްވާފައެވެ. ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީ ވެސް ވަނީ މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންފައެވެ.

ފުލުހުން ބުނީ، ޤައުމީ ވާޖިބު އަދާކުރުމުގައި އެ އޮފިސަރު ދެއްކި ހިތްވަރާއި ސާބިތުކަން މިނިސްޓަރު ފާހަގަކުރައްވައި ތަޢުރީފު ކުރެއްވި ކަމަށެވެ. އަދި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޤާނޫނު ތަންފީޒުކުރުމުގައި ފުލުހުން ވަމުންދާ ޤުރުބާނީގެ އަގު ވަޒަންކުރައްވައި ޝުކުރު އަދާކުރެއްވި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، މި ދަތި ދަނޑިވަޅުގައި އޮފިސަރުގެ ޢާއިލާއަށް ބޭނުންވާ ހުރިހާ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

މި ހާދިސާ ހިނގީ މިއަދު ފަތިހު 04:29 ހާއިރު، ސިނަމާލެ ބްރިޖު ހައިވޭގެ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން ގާއިމުކޮށްފައިވާ ޗެކްޕޮއިންޓެއްގައި ޑިއުޓީގައި ހުއްޓާ، ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް މަގުމަތީގައި ޖަހާފައި ހުރި ބެރިކޭޑުތަކުގައި ޖެހި، އެއާއެކު އެ އޮފިސަރުގެ ގައިގައި ޖެހުނީއެވެ.

މި ހާދިސާގައި އޮފިސަރުގެ އަނގަމަތި ފަޅައިގެން ގޮސް، ދަތްތައް ބިންދައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ސައިކަލު ދުއްވި މީހާއަށް ސީރިއަސް އަނިޔާއެއް ނުވާއިރު، ސައިކަލުގައި ތިބި މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުސް ކޮމިޝަނަރު އަޙްމަދު މުޙައްމަދު ނެރުއްވި ބަޔާނެއްގައި ވަނީ، ފުލުހުގެ ގައިގައި ސައިކަލުން ޖެއްސީ ގަސްތުގައި ކަމަށް ބެލެވޭ ކަމަށާއި، އެކަމުގެ މަޤްޞަދަކީ ނުރައްކާތެރިކޮށް ދުއްވާ މީހުންނާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަނަށް ހުރަސްއެޅުން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު