ފަލަސްތީނުގެ މިނިވަންކަމާއި އިސްލާމީ އުއްމަތުގެ ހައްގުގައި ރާއްޖެއިން ކުރަމުންދާ ވަކާލާތު ހުއްޓާނުލައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ދެއްވައިފިއެވެ.
އިރާގުގެ ބަގްދާދުގައި ކުރިއަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފޮރިން މިނިސްޓަރުންގެ ކައުންސިލްގެ 52 ވަނަ ބައްދަލުވުމުގައި މިއަދު ތަގްރީރު ކުރައްވަމުން މިނިސްޓަރު އިރުތިޝާމް ވަނީ، އިސްލާމީ އުއްމަތަށް މިހާރު ކުރިމަތިވެފައިވާ އެކި ގޮންޖެހުންތަކާއި މައްސަލަތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އަދި ސުލްހަ ގާއިމުކުރުމަށާއި މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި މެންބަރު ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކޮށް، މަޝްވަރާތައް ކުރިއަށްގެންދިއުމުގެ މުހިންމުކަމަށް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ.
ފަލަސްތީނުގެ މައްސަލައިގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ. އަދި މި މަގްސަދު ހާސިލުކުރުމަށް އޯއައިސީގެ ހުރިހާ މެންބަރު ގައުމުތަކެއް ގުޅިގެން މަސައްކަތްކުރުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.
ރާއްޖެ އޯއައިސީއާ ގުޅުނުތާ 50 އަހަރު ފުރޭ މި އަހަރު، އޯއައިސީއާއި މެންބަރު ގައުމުތަކާއެކު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އިސްލާމީ އުއްމަތުގެ މަސްލަހަތު ކުރިއެރުވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވިއެވެ.
ދެމެހެއްޓެނިވި ތަރައްގީއާއި ސުލްހަ ގާއިމުކުރެވޭނީ މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ ބައިވެރިވުން ހިމެނިގެންކަން ފާހަގަކުރައްވައި، އެ އަމާޒު ހާސިލުކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ވެސް މިނިސްޓަރު ވަނީ ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުމުގެ ހަވާސާގައި މިނިސްޓަރު އިރުތިޝާމް ވަނީ އޯއައިސީގެ އެކި މެންބަރު ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާ ބައްދަލުކުރައްވައި، ދެފަރާތުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ މެދު މަޝްވަރާކުރައްވާފައެވެ. އެގޮތުން މިސްރުގެ ފޮރިން މިނިސްޓަރު ބަދުރު އަބްދަލަޓީއާ ވެސް މިނިސްޓަރު ބައްދަލުކުރެއްވިއެވެ.
އަހަރަކު އެއްފަހަރު ބާއްވާ މި ބައްދަލުވުމުގައި މިނިސްޓަރުގެ އަރިހުގައި އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރު އަދި އެސިސްޓަންޓް ޑިރެކްޓަރު މުހައްމަދު ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ.






