Saturday, October 17
ހިޔާ ސަރަހައްދުގެ ވަގުތީ މިސްކިތް ނަގައި ޕާކެއް ހަދަން އެޗްޑީސީން ޚިޔާލު ހޯދަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ ޓަވަރުތަކުގެ މެދުގައި ހުންނަ ވަގުތީ މިސްކިތް އެތަނުން ނަގައި، އެ ބިން ހިޔާ ޕާކުގެ ބައެއްގެ ގޮތުގައި ހެދުމަށް އާންމުންގެ ޚިޔާލު ހޯދުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުވާލައިފިއެވެ.

އެޗްޑީސީން ހިޔާ ޓަވަރުގެ ކޮމިއުނިޓީ ގުރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އެ ސަރަހައްދުގައި ވަގުތީ މިސްކިތެއް ގާއިމުކުރީ، އޭރު ދެވަނަ ފިޔަވަހީގައި މިސްކިތްތައް މަދުވުމުން، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ނަމަވެސް މިހާރު އެ ސަރަހައްދުގައި އިތުރު މިސްކިތްތައް ތަރައްގީކޮށްފައިވާތީ، ވަގުތީ މިސްކިތް ނަގައި، އެ ބިން ކުރިން ރާވާފައިވާ ގޮތަށް ހިޔާ ޕާކުގެ ސަރަހައްދަކަށް ބަދަލުކުރަން ރާވާފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. މި މިސްކިތް ހުންނަ ސަރަހައްދުގެ އެއް ފަޅީގައި މިހާރުވެސް ޕާކެއް އޮވެއެވެ.

އެޗްޑީސީން ބުނީ، މި ސާވޭގެ ބޭނުމަކީ ވަގުތީ މިސްކިތް މިހާރު ބޭނުންކުރަމުންދާ ގޮތް ދެނެގަނެ، އެ ސަރަހައްދު ތަރައްގީކުރުމަށް ރާވާފައިވާ ކަންކަމުގެ މަޢުލޫމާތު ހިއްސާކޮށް، އެކަމާ ގުޅޭ ގޮތުން އާންމުންގެ ޚިޔާލު ހޯދުން ކަމަށެވެ.

ސާވޭގައި ފޯމު ފުރާ މީހުންގެ ޒާތީ މަޢުލޫމާތު ނުނަގާނެ ކަމަށާއި، އާންމުން ހިއްސާކުރާ ޖަވާބުތައް ބޭނުންކުރާނީ ޚިޔާލުތައް އަޅާކިޔައި ދެނެގަތުމަށް ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ. އަދި އާންމުންގެ ޚިޔާލާއެކު މި މަޝްރޫޢު އިތުރަށް ރަނގަޅަށް ރާވައި ކުރިއަށް ގެންދިއުމަށް ފަސޭހަވާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

ހިޔާ ޓަވަރުތަކަކީ ވަރަށް ގިނަ މީހުން ދިރިއުޅޭ ސަރަހައްދެކެވެ. އެ ސަރަހައްދުގައި އެއްފަހަރާ ގިނަ މީހުންނަށް ނަމާދުކުރެވޭ މިސްކިތްތަކެއް މިހާރު ހުންނައިރު، ވަގުތީ މިސްކިތް ވެސް ބައެއް މީހުން ބޭނުންކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު