ސޯޝަލް މީޑިއާގައި ބަޔަކު ބަޑިއެއް ހިފައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވަމުންދާތީ، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން އެތަކެއްޗަކީ ކުޅޭކުޅޭ ބަޑިތަކެއްކަން ކަށަވަރުކޮށް، އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ބުނީ، އިތުރަށް ބެލިބެލުމުން އެ ވީޑިއޯއަކީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގާފައިވާ ކަމެއްގެ ވީޑިއޯއެއްކަން ދެނެގަނެވިފައިވާ ކަމަށެވެ.
އެގޮތުން، ވީޑިއޯއިން ފެންނަ ރަތްކުލައިގެ ކާރު ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ހުޅުމާލެ ރުއްގަނޑު ދޭއް ސަރަހައްދުން ހޯދައި ހުއްޓުވާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެވަގުތު ކާރު ދުއްވަން އިން ފަރާތާ ސުވާލުކުރުމުން އެއީ ކުއްޔަށް ދޫކުރާ ކާރެއްކަން އެނގިފައިވުމުން، އެ ކާރު ކުއްޔަށް ނެގި ފަރާތް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ފުލުހުން ބުނީ، އިތުރަށް ބެލިބެލުމުން ވީޑިއޯއިން ފެންނަ ބަޑިތަކަކީ ކުޅޭކުޅޭ ބަޑިތަކެއްކަން ކަށަވަރުކުރެވިފައިވާ ކަމަށާއި، އެތަކެތި ބޭނުންކޮށްފައިވަނީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކަމަށް އެ ފަރާތުން ބުނެފައިވާ ކަމަށެވެ.
މި ތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އިރު، މިކަމާ ގުޅިގެން ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.






