ދަނޑުވެރިކަމުގެ ބާވަތްތައް ރާއްޖޭގެ އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ ޤައުމުގެ އިސްތިޤުލާލާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޤައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދަނޑުވެރިންގެ ދުވަހަކީ ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިޤުތިޞާދު ސިންދަފާތު ކުރުމަށްޓަކައި ހީވާގި ދިވެހި ދަނޑުވެރިން އަދާކުރާ އަގުހުރި ދައުރު ހަނދާންކޮށްދޭ މުނާސަބަތެއް ކަމަށެވެ. އަދި ބޭރުން ކާބޯތަކެތި އިމްޕޯޓްކުރުމަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަކީ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލާ ސީދާ ގުޅިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރަށް ދިމާވާ ހުރަސްތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމުގެ މުހިންމުކަން މިއަދު ހަނދާންކޮށްދޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި ދަނޑުވެރިކަމުގެ ސިނާއަތް ފުޅާވެގެން ދިޔުމަކީ ރާއްޖެއިން ބޭރުވާ ބޭރު ފައިސާ ޤައުމުގައި ހިފެހެއްޓި، އަތޮޅުތަކުގެ ރަށްރަށުގައި ވަޒީފާގެ އާ ފުރުޞަތުތައް ފަހިވެގެންދާނެ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ މައިގަނޑު ޢަމާޒަކީ ދަނޑުވެރިކަމުގެ ތެރެއިން އެކަށައެޅޭ ވަކި ބާވަތްތައް، އިމްޕޯޓްކުރުމަކާ ނުލައި ރާއްޖެއަށް ބޭނުންވާ މިންވަރަށް ހައްދައި ބާޒާރަށް ނެރެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ލިބޭ ނަފާ އިތުރުވާނެ ގޮތްތައް ހަމަޖައްސައިދިނުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ އެމަނިކުފާނުގެ ޢަޒުމެއް ކަމުގައި ވިދާޅުވިއެވެ.
މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އެންމެހައި ދަނޑުވެރިންނަށާއި ދަނޑުވެރި ޢާއިލާތަކަށް، އަދި މި ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
ރާއްޖޭގައި ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަން ފަށާފައިވަނީ 2009 ވަނަ އަހަރު ކަމަށްވާއިރު، މިއަހަރު ފާހަގަކުރަނީ 17 ވަނަ ޤައުމީ ދަނޑުވެރިންގެ ދުވަހެވެ. މިއަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ޝިޢާރަކީ "އީޖާދުން، މާދަމާގެ ދިރުން" އެވެ.






