މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް 1.6 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރިސޯޓު ކުލީގެ ގޮތުގައި ލިބިފައިވަނީ 1.4 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 10.8 އިންސައްތައެއްގެ ކުރިއެރުމެކެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ޑެއިލީ އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގައި މިވަގުތު 184 ރިސޯޓެއް ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެ ތެރެއިން 180 ރިސޯޓަކުން މިހާރު ޚިދުމަތް ދެމުން އަންނައިރު، މި ރިސޯޓުތަކުގައި ޚިދުމަތް ދެމުންދާ ޖުމްލަ އެނދުގެ އަދަދަކީ 45,171 އެވެ. އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 73.8 އިންސައްތަ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ 1.2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިންނެވެ.
ރިސޯޓު ކުލިން ލިބޭ އާމްދަނީ އިތުރުވަމުން އައި ނަމަވެސް، ފަތުރުވެރިކަމަށް ދޫކޮށްފައިވާ ގިނަ އަދަދެއްގެ ރަށްތަކާއި ފަޅުތައް ތަރައްޤީ ނުކުރެވި ދިގުލައިގެން ގޮސްފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ދާދިފަހުން ވަނީ ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި ތަރައްޤީ ނުކުރެވި ނުހުޅުވި ހުރި ފަޅުތަކާއި ރަށްތަކުގެ އަދަދު 161 އަށް އަރައެވެ. އޭގެ ތެރޭގައި 20 އަހަރާއި ނުވަތަ 25 އަހަރު ވެފައިވާ ތަންތަންވެސް ހިމެނޭއިރު، އެ ތަންތަނުން ދައުލަތަށް ދައްކަންޖެހޭ ލޭންޑް ރެންޓްގެ އަދަދު 500 މިލިޔަން ޑޮލަރަށްވުރެ އިތުރުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިފަދައިން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތައް ތަރައްޤީކުރުން ދިގުދެމިގެންދާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ ގަވައިދެއް މިހާރު ވަނީ އެކުލަވާލާފައެވެ. މި ގަވައިދުގެ ދަށުން އެފަދަ ތަންތަނުގެ އެއްބަސްވުންތައް ބާތިލުކުރެވޭނެ އުސޫލުތައް ވެސް ވަނީ ކަނޑައަޅާފައެވެ.






