Wednesday, October 14
ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މުހިންމު ފާލަމެއް ކަމުގައިވާ މި ކޮންސިއުލޭޓް ބަންދުވިޔަނުދީ ހިފެހެއްޓުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާތީ ހިތާމަކުރާ ކަމަށެވެ. މިއީ ރާއްޖޭގެ ޒަމާންވީ ބައިވެރިންނާއެކު އޮތް ގުޅުންތަކަށް ސަރުކާރުން އިހުމާލުވަމުންދާ ކަމުގެ ހެއްކެއް ކަމަށްވެސް އެ ޕާޓީން ތުހުމަތުކޮށްފައިވެއެވެ.

އެ ބަޔާނުގައި ވާ ގޮތުން، ހަ ދަހަރާއަށްވުރެ ގިނަ ދުވަހު ޖަރުމަނަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައި އިސް ދައުރެއް އަދާކުރާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖޭގެ ތަރައްޤީގެ އެންމެ އަގުހުރި އެއް ބައިވެރިޔާއެވެ. މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށާއި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ ދާއިރާއިން ޖަރުމަނުގެ އެހީތެރިކަން ރާއްޖެއަށް އަބަދުވެސް ލިބެމުން ގޮސްފައިވާކަން އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.

ފަތުރުވެރިކަމަށް ބަލާއިރު، ޖަރުމަނަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މުހިންމު އެއް މާކެޓެވެ. އެ ޤައުމުގެ ފަތުރުވެރިން ރާއްޖެ އަންނަނީ ކޮންސިއުލަރ އެހީތެރިކަން ފަސޭހައިން ލިބެން ހުންނާނެ ކަމުގެ ޔަގީންކަމާއެކު ކަމަށާއި، މި ކޮންސިއުލޭޓް ބަންދުކުރުމަކީ ފަތުރުވެރިންގެ އިތުބާރަށް ލިބުނު އުނިކަމެއް ކަމުގައި އެމްޑީޕީން ދެކެއެވެ.

ސްރީ ލަންކާގައި ހުންނަ ޖަރުމަނުގެ އެމްބަސީން ހާމަކޮށްފައިވާ ގޮތުގައި، އެ ކޮންސިއުލޭޓް ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފައިވަނީ މި މަހުގެ 2 ވަނަ ދުވަހުން ފެށިގެންނެވެ. ކުއްލި ހާލަތްތަކުގައި އެމްބަސީއާ ގުޅުމަށް ޖަރުމަނު ރައްޔިތުންނަށް އަންގާފައިވާއިރު، ރާއްޖޭގައި މަންދޫބަކު މިވަގުތު ނެތުމުން ދެވޭނީ ހަމައެކަނި އިރުޝާދާއި ލަފާ ކަމަށް ބުނެ، ރާއްޖެ ދަތުރުކުރާ ޖަރުމަނު ރައްޔިތުން އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.

އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖަރުމަނުން އެފަދަ ނިންމުމެއް ނިންމަން ޖެހުނީ މި ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. ކޮންސިއުލޭޓް ބަންދުކުރަން މެދުވެރިވި މައިގަނޑު ސަބަބަކީ، މިހާރު ހުންނެވި އޮނަރަރީ ކޮންސުލް ވަކިކޮށް ސަރުކާރުން ބޭނުންވާ މީހަކު އެ މަގާމަށް އައްޔަންކުރަން ދިވެހި ސަރުކާރުން ބާރުއެޅުމުން، އެކަން ޖަރުމަނު ސަރުކާރަށް ގަބޫލުނުކުރެވުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ޖަރުމަނުގެ އޮނަރަރީ ކޮންސުލްގެ ގޮތުގައި 2019 ވަނަ އަހަރުން ފެށިގެން ހުންނަވަނީ މަޝްހޫރު ވިޔަފާރިވެރިޔާ ސަންޖޭ އިބްރާހިމް މަނިކެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައެވެ.

ވީއެންމެ އަވަހަކަށް މާލޭގައި ޖަރުމަނުގެ ކޮންސިއުލަރ ޚިދުމަތްތައް އަލުން އިއާދަވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރިކަމުގައި އެމްޑީޕީ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް އެ ޕާޓީގެ ބަޔާނުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު