ވެރިކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ސިޔާސީ ބޭނުމަށް ހެޔޮއެދޭ ފަރާތްތަކުން ފައިސާގެ އެހީތެރިކަން ދޭނެ ކަމަށާއި، އޭގެ ބަދަލުގައި ނާޖާއިޒު މަންފާއެއް ނުހޯދައިދޭހާ ހިނދަކު އެ ފައިސާ ބަލައިގަތުމަކީ މައްސަލައެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތާ ގުޅުވައިގެން އެ މަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގަތުމުގެ ކުރިންވެސް މާލީ ތަނަވަސްކަން ހުރި ކަމަށެވެ.
އަމަލީ ގޮތުން ވިޔަފާރި ނުކުރެއްވި ނަމަވެސް، އެކި ތަންތަން ކުއްޔަށް ދީގެންނާއި ސިޔާސީ ހަރަކާތްތަކަށް ހެޔޮއެދޭ ފަރާތްތަކުން ފައިސާ ލިބޭނެ ކަމަށް ވިދާޅުވިއެވެ. އެގޮތަށް ލިބޭ ފައިސާ ސިޔާސީ ޕާޓީއަކަށް ޖަމާކުރުން ލާޒިމު ނޫން ކަމަށާއި، ސަލާމަތީ ރައްކާތެރިކަން އޮންނަ ގެކޮޅެއްގައި ނަގުދު ފައިސާ ބެހެއްޓުމަކީ މަނާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައިގައި ދައުލަތުގެ މައިގަނޑު ހެކިންގެ ގޮތުގައި ބޭނުންކުރާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުބާރާމެދު ޔާމީންގެ ވަކީލުން ސުވާލު އުފައްދައިފިއެވެ. އެ ދެ މީހުންނަކީ އިތުބާރު ހިފޭ ބައެއް ނޫން ކަމަށް ޝަރުއީ ކޯޓުތަކުން ކަނޑައަޅާފައިވާތީ، އެ މީހުންގެ ބަހަށް އެކަނި ބުރަވެ ކުށް ސާބިތު ނުކުރެވޭނެ ކަމަށް ވަކީލުން ވިދާޅުވިއެވެ.
ފުއްގިރި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ނިމިފައިވާއިރު، މި މައްސަލައިގެ ހުކުމް އިއްވުން މި މަހުގެ 29 ވަނަ ދުވަހު އޮންނާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އިއުލާން ކުރައްވައިފިއެވެ.






