ހަރަދުތައް ކުޑަކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި، އިގުތިސާދީ ގޮންޖެހުންތަކުން އަރައިގަންނަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ މަޝްހޫރު ނިއުސް އޭޖެންސީ "ރޮއިޓާސް" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ ބޭނުންވާ ހުރިހާ ތެލެއް އިމްޕޯޓްކުރާ ޤައުމަކަށް ވާއިރު، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ހަކަތައިގެ ސަބްސިޑީއަށް ކުރާ ހޭދަ މިއަހަރު ތިން ގުނަ އިތުރުވެފައިވާ ކަމަށެވެ. އަދި ފަތުރުވެރިން އަންނަ އަދަދުވެސް ދަށްވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ ސަބަބުން ދައުލަތުގެ ބަޖެޓް ޑެފިސިޓް ކުރިން އަންދާޒާކުރި 7.1 ޕަސެންޓުން 9 ޕަސެންޓަށް އުފުލުމުގެ ބިރު އެބައޮތް ކަމަށް ޒަރީރު ވިދާޅުވިއެވެ. ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި ފިސްކަލް ކޮންސޮލިޑޭޝަންގެ މަސައްކަތްތަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ހަރަދުތައް ކުޑަކުރަން އިސްލާހީ ފިޔަވަޅުތައް އަޅަން އަޅުގަނޑުމެން މިތިބީ ތައްޔާރަށް. އަދި ހަރަދުތައް ކުރުމުގެ ކަންކަން ހަރުދަނާކޮށް ހަރަދުތައް ކުޑަކުރަން މިދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް ރިޒާވް ހަމައަކަށް އެޅުވުމަށާއި އިގުތިސާދު ހަމަ މަގަށް އެޅުވުމަށްޓަކައި ވޯލްޑް ބޭންކު ފަދަ ބައިނަލްއަގުވާމީ ބައިވެރިންގެ އެހީތެރިކަން މިވަގުތު ބޭނުންވާ ކަމަށް ޒަރީރު ވިދާޅުވިއެވެ.
ރާއްޖޭގެ އިގުތިސާދީ ދުވެލި މަޑުޖެހިފައިވީ ނަމަވެސް، އަންނަ އަހަރު އިގުތިސާދު 3.8 ޕަސެންޓަށް އަދި 2028 ވަނަ އަހަރު 6.8 ޕަސެންޓަށް ކުރިއަރާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ވޯލްޑް ބޭންކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 250 މިލިއަން ޑޮލަރު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާއެކު 1.5 ބިލިއަން ޑޮލަރުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި ވެސް މިދިޔަ މަހު ވަނީ ސޮއިކޮށްފައެވެ.
ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ޤައުމީ އެއާލައިނަށް އިތުރު ބޯޓުތައް ހޯދުމާއި، އޮސްޓްރޭލިއާ ފަދަ އާ މާކެޓްތަކަށް ދަތުރުތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި 2028 ވަނަ އަހަރާ ހަމައަށް އިއާދަކުރަނިވި ހަކަތައިގެ ބޭނުން 33 ޕަސެންޓަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށް ޒަރީރު ވިދާޅުވިއެވެ.






