Wednesday, October 14
ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާގެ މައްޗަށް ކޮރަޕްޝަން ސާބިތުވެއްޖެ

ފެނަކަ ކޯޕަރޭޝަންގައި 2018 ވަނަ އަހަރު ހިނގި ކޮރަޕްޝަން މައްސަލައިގައި އެ ކުންފުނީގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާގެ މައްޗަށް ދައުލަތުން އުފުލި ކޮރަޕްޝަންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

ދީނާގެ މައްޗަށް ސާބިތުވި ކުށަކީ ރަސްމީ ހައިސިއްޔަތު ނާޖާއިޒު ގޮތުގައި ބޭނުންކުރުމުގެ ކުށެވެ. ކުށް ސާބިތުވިކަމަށް ކަނޑައެޅުމާ އެކު، ހުކުމް އިއްވުމާ ހަމައަށް ދީނާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ. އަދަބު ކަނޑައެޅުން އޮންނާނީ ކުރިއަށް އޮންނަ އަޑުއެހުމެއްގައެވެ.

މި މައްސަލައަކީ ބްލޭޒަން އިންކް ކުންފުންޏާ ފެނަކައިން ވި އެއްބަސްވުމެއްގެ ދަށުން، އެ ކުންފުނިން މަސައްކަތް ފުރިހަމަކުރިކަން ކަށަވަރު ނުކޮށް ފައިސާ ދޫކުރި މައްސަލައެކެވެ. މަސައްކަތް ނުނިމެނީސް އިތުރު އެއްބަސްވުމެއް ހެދި ކަމަށްވެސް ތަހުގީގަށް ފާހަގަވެފައިވެއެވެ.

އެއް މައްސަލައާ ގުޅިގެން ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢީދުގެ މައްޗަށް މީގެ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ކުރިން ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. ދީނާގެ މައްޗަށް ސާބިތުވި ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.

ކުރިން ދީނާއަށް ހުކުމް ނުކުރެވި ލަސްވީ އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރުމާ ގުޅިގެންނެވެ. އޭގެ ފަހުންވެސް ސިއްހީ ސަބަބުތައް ދައްކައި މެޑިކަލް ލިޔުންތައް ހުށަހަޅައިގެން ޝަރީއަތަށް ހާޒިރުނުވެ އެތައް ދުވަހެއް ވޭތުކޮށްފައިވެއެވެ.

މީގެ އިތުރުން، 2018 ވަނަ އަހަރު ފެނަކައިގެ ބްރާންޗުތަކުގައި ސީސީޓީވީ ކެމެރާ އަދި ވީޑިއޯ ކޮންފަރެންސް ސިސްޓަމްތައް ގާއިމުކުރުމަށް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މައްސަލައިގައިވެސް ދީނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވެއެވެ. އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރުވެސް ދަނީ ހިނގަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު