Tuesday, October 27
ސަމާހު މެރުމަށް ހުކުމް ކޮށްފައިވާ މައްސަލަ ދަށު ކޯޓުން އަލުން ބެލުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

ސަމާހު މެރުމަށް ހުކުމް ކޮށްފައިވާ މައްސަލަ ދަށު ކޯޓުން އަލުން ބެލުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ކާށިދޫގައި ފުލުހަކަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި މެރުމަށް ދަށުކޯޓުން ހުކުމް ކޮށްފައިވާ މުހައްމަދު ސަމާހުގެ މައްސަލަ އަލުން ބެލުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ އެމައްސަލަ ސަމާހުގެ ފަރާތުން އިސްތިއުނާފު ކުރުމުންނެވެ.

މީގެ 12 އަހަރު ކުރިން ކާށިދޫގައި ފުލުހުންގެ ޑިއުޓީއަށް ދަނިކޮށް އާދަމް ހަލީމަށް ހަމަލާދީ މަރާލި މައްސަލާގައި ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އަދި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުންވެސް ވަނީ ތާއިދުކޮށްފައެވެ. ނަމަވެސް ސަމާހުގެ ފަރާތުން ވަނީ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

މިއަދު އިއްވި ސުޕްރީމް ކޯޓުގެ ހުކުމުގައި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މުހިންމު ނުކުތާތަކެއް ފާހަގަ ކުރައްވާފައެވެ. މިގޮތުން ހުކުމުގައި ވިދާޅުވެފައިވަނީ  މީހަކު ކުށަކަށް އެއްބަސް ވިޔަސް، އެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމޭނީ އެ މީހަކު ދައްކާ ވާހަކަތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަށަވަރު ކުރުމަށްފަހު ކަމަށެވެ. މީގެ އިތުރުން ފަނޑިޔާރު ސުއޫދު ވިދާޅުވީ ހައްދުގެ މައްސަލަތަކުގައި ކީރިތި ރަސޫލާ ވެސް އެގޮތަށް އަމަލު ކުރެއްވި ކަމަށެވެ.

ހުކުމުގައި ވާގޮތުން ސަމާހުގެ ކުށަށް އެއްބަސްވިއިރު، ހަމަލާދިން ކަމަށް އެއްބަސްވި ނަމަވެސް ހަމަލާދިނީ ގަސްދުގައި މީހަކު މެރުމުގެ ނިޔަތުގައި ނޫން ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.

ދަށު ކޯޓުގައި ސަމާހު ކުށަށް އިއުތިރާފު ވިޔަސް ފަހުން ވަނީ އިއުތިރާފުން ރުޖޫއަވެފައި ކަމަށާއި ، ސަމާހު ދަށު ކޯޓުގައި ކުށަށް އިއުތިރާފުވުމުން ފުލުހުން އޭނާއާ ދެކޮޅަށް އެއްވެސް އިތުރު ހެއްކެއް ހޯދަން މަސައްކަތް ކޮށްފައި ނުވާކަމަށް ހުކުމުގައި ވެއެވެ.

ފަހުން ސަމާހު ބުނެފައި ވަނީ އޭނާ ކުށަށް އެއްބަސްވީ ބިރު ދައްކައިގެން ކަމަށެވެ.

އެހެންކަމުން ސަމާހު ވެފައިވާ އިއުތިރާފްގެ ބޭރުން އިތުރު ހެއްކެއް ހުރިތޯ ބެލުމަށް ފަހު އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވަން ޖެހޭ ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު