Tuesday, October 27
ރާއްޖެ އައިއެމްއެފްގެ ޕްރޮގްރާމަކަށް ދާން ޖެހޭ ހާލަތެއް ނެތް:މިނިސްޓަރ ޒަމީރު

ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކަކީ ވަގުތީ މައްސަލަތަކެއް ކަމަށާއި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ ބެއިލްއައުޓް ޕްރޮގްރާމަކަށް އެދެން ޖެހޭ ހިސާބަށް ދާން ޖެހިދާނެ ކަމަށް ނުބެލެވޭ ކަމަށް ހާރީޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ

ސްރީ ލަންކާގެ ކޮލަމްބޯގައި ނޫސްވެރިންނާއި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ދަރަނި އަދާ ކުރުމަށް ޓެކްސް އަށް ބަދަލު ގެނައުމާއި، ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށްގެން ނަތީޖާ ފެންނާނެ ކަމަށެވެ.

ވަޒީރު ވިދާޅުވެފައިވާގޮތުގައި ރާއްޖެއަށް ކުރިމަތިވާ ކަންކަމުގައި އެހީތެރިވާނެ ބައިނަލްއަގްވާމީ ބައިވެރިން އެބަ ތިއްބެވެ.

"އަޅުގަނޑުމެން ނުދެކެން މިއީ އައިއެމްއެފްގެ އެހީއަށް އެދެން ޖެހޭ ވަގުތުކަމަަކަށް، ރިޒާވް ދަށަށް ދާތީ އަޅުގަނޑުމެންނަށް ދިމާވެފައިވާ މައްސަލައަކީ ވަގުތީ މައްސަލައެއް،". ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ޓެކްސް އިސްލާހު ކުރުމުގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގެންނަން ބަދަލުތަކުގެ ސަބަބުން ލިކުއިޑިޓީ ރަނގަޅުވެގެން ދާނެއެވެ.

އޭނާގެ ވާހަކަފުޅުގައި ވަނީ ޗައިނާ އަދި އިންޑިއާއެކު ރަނގަޅު ގުޅުމެއް އޮތްކަންވެސް ފާހަގަކުރައްވާފައެވެ. އަދި ދެ ގައުމުންވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަަމަށް ވިދާޅުވިއެވެ.

ޒަމީރު ލަންކާއަށް ވަޑައިގެންނެވީ މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގާއިވެސް އެކުގައެވެ. ދެ ބޭބޭފުޅުންގެ ދަތުރުފުޅަކީ ލަންކާގެ ސެންޓްރަލް ބޭންކްތަކާއި، އަދި އޮފިޝަލުންނާއި ބައްދަލު ކުރެއްވުމެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މާލީ ވަޒީރު ޑރ. ޝަފީގް މީގެ ކުރިން ވަނީ ސަރުކާރުން ލަފާކުރި ލަފާންކުރުންތަކަށް ވުރެ ރިޒާވުގެ އަދަދު ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝަދާއާއި އެއްގޮތަށް ގެންނަ އިސްލާހީ ފިޔަވަޅުތަކާއި އެކު ރާއްޖޭގެ އިގްތިސާދަށް ރަނގަޅު ބަދަލެއް ގެނެވި ރާއްޖޭގެ ރިޒާވްގެ ހާލަތު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ވަޒީރު ލަފާ ކުރައްވައެވެ.

ރާއްޖޭގެ ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވްވެސް ވަނީ މިދިޔަ މަސް ނިމުނުއިރު އިތުރުވެފައެވެ. އެގޮތުން ޖުމްލަ ރިޒާވް ވަނީ މިދިޔަ މަސް ނިމުނުއިރު 444 މިލިއަން ޑޮލަރަށް އަރާފައެވެ. ޖުލައި މަހު މި ރިޒާވް ހުރީ 395 މިލިއަން ޑޮލަރުގައެވެ. އަދި ބޭނުންކުރެވޭ ރިޒާވް މިދިޔަ މަސް ނިމުނުއިރު ވަނީ 61.22 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި މާލީ ވުޒާރާއާއި އެމްއެމްއޭއާ ގުޅިގެން އެކުވެރި ދައުލަތަކާއެކު ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، މި އެރޭންޖްމަންޓްގައި ސޮއި ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް އައިއެމްއެފްގެ ޕްރޮގްރާމެއްގައި ވަނީ ބައިވެރިވެފައެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ތައާރަފްކޮށް ސިވިލްސާވިސް ކުޑަކުރާ ގޮތަށް މި ޕްރޮގްރާމްގެ ދަށުން ރާއްޖެއިން އެއްބަސްވި އިރު، އެކަމުގެ ސަބަބުން ނަޝީދުގެ ސަރުކާރަށް ސިޔާސީ ގޮތުން ބޮޑެތި ފިއްތުންތައް ކުރިމަތިިއެވެ.

އައިއެމްއެފްގެ ޕެކޭޖަށް ގައުމަކުން ހިނގައްޖެ ނަމަ އެ ގައުމުގެ އެތެރޭގެ ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރަން ޖެހެ އެވެ. މިސާލަކަށް ސިވިލް ސާވިސް ކަހަލަ ދާއިރާތަކުން މުވައްޒަފުން ވެސް މަދުކުރަން ޖެހޭ ހާލަތަށް، އައިއެމްއެފްގެ ޕެކޭޖްގައި ހިނގައިދާނެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު