މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ 75 ވަނަ އަސާސީ ތަމްރީނު ކޯސް 149 ދަރިވަރުންނާއެކު ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.
މިކަމަށްޓަކައި އޮކްޓޫބަރު 12 ވަނަ ދުވަހުގެ ރޭ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް)ގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމް ވަނީ ސިފަވަންތަ، ހަރުދަނާ ސިފައިންގެ މީހެއްގެ ގޮތުގައި ދެމިތިބުމަށާއި، މި ތަމްރީނުން ފާސްވުމަށްޓަކައި ގަދައަޅައި މަސައްކަތްކުރުމަށް ދަރިވަރުންނަށް އިލްތިމާސްކުރައްވާފައެވެ.
އަދި ތަމްރީނުގެ ހުރިހާ މަރުހަލާއެއް ކުރިއަށްގެންދާއިރު، ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މުދައްރިބުންނަށް ވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރަސްމިއްޔާތުގެ ތެރެއިން ކޯހުގެ ދަރިވަރުންނަށް އިޤުރާރު ލައިދެއްވީ ކޮމްޕެނީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ޝަފީޤެވެ. މުދައްރިބުންނަށް ވަޢުދު ލައިދެއްވީ ކޯހުގެ ޗީފް އިންސްޓްރަކްޓަރ، ކެޕްޓަން އަޙްމަދު ޝާތިރެވެ.
75 ވަނަ އަސާސީ ތަމްރީނު ކޯހުގައި ބައިވެރިވާ 149 ދަރިވަރުންގެ ތެރޭގައި 27 އަންހެން ދަރިވަރުން ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ސީޑީއެސްއެސްގެ ޑެޕިއުޓީ ކޮމާންޑަރ، ކާނަލް އިބްރާހީމް ނަވީން ޒުބައިރާއި، ދަ ބޭސިކް ސްކޫލުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ޖިނާންގެ އިތުރުން އެންސީއޯ އެކެޑަމީގެ ޑައިރެކްޓަރ، މޭޖަރ މުޙައްމަދު ނަދީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.






