ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު، 84 ދިވެހި ޒުވާނުންނާ އެކު ފަށައިފިއެވެ.
16 ހަފުތާގެ މުއްދަތަށް މި ތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންދަނީ ބ. ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައެވެ. ބައިވެރިން އެ ސްކޫލަށް މިއަދު ވަނީ ފުރާފައެވެ.
މި ޕްރޮގްރާމުގައި ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި 64 ފިރިހެން ދަރިވަރުންނާއި 20 އަންހެން ދަރިވަރުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، މި ތަމްރީނުގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.
މި ތަމްރީނުގައި ސެޓްފިކެޓް ލެވެލް 3ގެ ހަ ކޯހެއް ކުރިއަށް ގެންދެވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މެރިން މެކޭނިކް، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ، ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން، އޮޓޯމޯބައިލް އިންޖިނިއަރިންގ، އިލެކްޓްރީޝަން އަދި އޮފީސް މެނޭޖްމަންޓް ކޯހެވެ.
ކޯސްތަކުގެ މުޤައްރަރުގައިވާ ބައިތަކުގެ އިތުރުން، ފިޒިކަލް ފިޓްނަސް، ސްވިމިންގ، ޑްރިލް އަދި ތަފާތު ކުޅިވަރު ހަރަކާތްތައް ވެސް ޕްރޮގްރާމުގެ ތެރޭގައި ކުރިއަށް ގެންދެވެއެވެ. ލައިފް ސްކިލް ކޮމްޕޯނަންޓްގެ ތެރެއިން ދިރިއުޅޭ ވެށި ސާފުކޮށް ބެލެހެއްޓުމާއި، ޓީމް ބިލްޑިންގ އަދި ލީޑަރޝިޕް ހަރަކާތްތަކުގެ އިތުރުން، ދަރިވަރުންނަށް އަދަބު އަޚްލާޤް ވެސް ދަސްކޮށްދެވެއެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ވަޒީފާގެ މައިދާނަށް ބޭނުންވާ މުހިންމު ފަންނީ ހުނަރުތަކާއެކު، އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމެވެ. މީގެ އިތުރުން ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތުގެ ދާއިރާއިން ވެސް ތަމްރީނުތައް ދެވިގެންދާނެއެވެ.
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއަށް އިތުރު ފަންނީ ދާއިރާތައް ތަޢާރަފުކޮށް، ނޭޝަނަލް ސަރވިސްގެ އިންޓަރންޝިޕް ޕްރޮގްރާމްތައް ވެސް ތަޢާރަފުކުރެވޭނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.






