Monday, October 12
ކުރީގެ މިނިސްޓަރު ޚަލީލް ރަސްމާލެ މަޝްރޫޢާ ޔާމީނަށްވުރެ ބޮޑަށް ދެކޮޅުވުމުން ހައިރާންވެއްޖެ: ފަލާޙް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށްވުރެ ވެސް ބޮޑަށް، ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ރަސްމާލެ މަޝްރޫޢާ ދެކޮޅުވެވަޑައިގަތުމުން ހައިރާންވެވަޑައިގަތް ކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.

ފަލާޙް މިހެން ވިދާޅުވީ، ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ސަރުކާރުން ސާފުކޮށްދޭންޖެހޭ ކަންކަމަށް ސުވާލުތަކެއް ފާހަގަކުރައްވައި ޚަލީލް "އެކްސް" ގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. ރަސްމާލެ މަޝްރޫޢާ ގުޅިގެން ޚަލީލްގެ ވިސްނުންފުޅު ހުރި ގޮތާމެދު ކުރިން އޭނާއަށް ހީކުރެވުނީ ގޯސްކޮށް ކަމަށް ވެސް ފަލާޙް ވިދާޅުވިއެވެ.

ޚަލީލް އެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ ތަރައްޤީގެ ދުވެލި ކުރިއަރުވަން ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާ ކަމަށެވެ. ނަމަވެސް ރަސްމާލެ މަޝްރޫޢާ ގުޅިގެން ރައްޔިތުންގެ މެދުގައި ހުރި ޙައްސާސް އަދި ބޮޑެތި ކަންބޮޑުވުންތަކަށް ސަރުކާރުން ސާފު ޖަވާބުތަކެއް ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ ބިޔަ މަޝްރޫޢުތައް ހިންގަންވާނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށާއި، ކޮރަޕްޝަނާއި ފަސާދައިން ދުރުހެލިވެ މަޝްރޫޢު ކާމިޔާބު ކުރެވޭނީ އޭރުން ކަމަށް ވެސް ޚަލީލް ފާހަގަކުރެއްވިއެވެ.

ޚަލީލް ފާހަގަކުރެއްވި 7 ނުކުތާގެ ތެރޭގައި ރަސްމާލެ ހިއްކުމަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރި މިންވަރާއި، ބިމާއި ވަށައިގެންވާ ފަޅުގެ އަގުމަގު ކުރެވުނު ގޮތާއި، އަޕްފްރަންޓް ޕޭމަންޓާއި ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އަދި ބިމުގެ މިލްކުވެރިކަމާ ގުޅޭ ކަންކަން ހިމެނެއެވެ. މި މަޝްރޫޢުގެ ދަށުން އަޅާ 5,000 ހައުސިންގ ޔުނިޓް ބިނާކުރަނީ ދައުލަތަށް ލިބޭ ފައިސާއިންތޯ ވެސް އޭނާ ސުވާލުކުރައްވާފައިވެއެވެ.

ފަލާޙްގެ ޕޯސްޓަށް ރައްދު ދެއްވަމުން ޚަލީލް ވިދާޅުވީ، އެމަނިކުފާނު ފާހަގަކުރެއްވީ ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް އަންނަންޖެހޭނެ ކަމާއި، އެފަދަ މަޝްރޫޢުތަކާ ގުޅިގެން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ސަރުކާރުން ސާފުކޮށް އޮޅުންފިލުވައިދޭން ޖެހޭނެ ކަމުގެ ވާހަކަ ކަމަށެވެ.

އެފަދަ ސުވާލުތަކެއް ކުރުމަކީ ރަސްމާލެ މަޝްރޫޢާ ދެކޮޅުވުން ކަމަށް ބަލާނަމަ، ޤައުމީ މިފަދަ ބޮޑެތި ކަންކަމުގައި ދިވެހި ރައްޔިތުން ދެން ތިބެންޖެހޭނީ ހަނުހިމޭނުންތޯ ޚަލީލް ވަނީ ސުވާލު އުފައްދަވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު