Monday, October 12
ވަގަށް ސިނގިރޭޓާއި މުދާ މިހާރުވެސް ރާއްޖެ އެތެރެކުރޭ: އައްބާސް

ވަގަށް ސިނގިރޭޓާއި މުދާ މިހާރުވެސް ބަރާބަރަށް ރާއްޖެ އެތެރެކޮށް، އެއިން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އައްބާސް މިހެން ވިދާޅުވީ، މިއަދުގެ މަޖިލިސް ޖަލްސާގައި ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ހުށަހަޅުއްވާފައިވާ، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ. މި ބިލު ހުށަހަޅާފައިވަނީ ކުށްކުރާ ފަރާތްތައް ޝަރުޢީ ދާއިރާގެ ތެރެއިން ފަސޭހައިން ސަލާމަތްވެގެންދާ މައްސަލަތައް ހައްލުކުރުމަށެވެ.

ޤާނޫނުތަކަށް ހަމައެކަނި އިޞްލާޙު ގެނައުމަކުން ނުފުދޭ ކަމަށް އައްބާސް ވިދާޅުވިއެވެ. މަޖިލީހުން ފާސްކުރި ޤާނޫނުތައް މަދެއް ނޫން ކަމަށާއި، ނަމަވެސް އެ ޤާނޫނުތައް ތަންފީޒުވާ މަންޒަރެއް ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރުން ހުއްޓާނުލާ. ބަރާބަރަށް ސިނގިރޭޓް އެތެރެކުރޭ، ބަރާބަރަށް ވަގަށް މުދާ އެތެރެކުރޭ. އޭގެން ނަހަމަ މަންފާ ހެސްކިޔައިފައި އެބަ ނަގާ. ކެމަލް ހާޑް، ކެމަލް ލައިޓް، މަލްބަރޯ ހަމަ ބަރާބަރަށް އެބަ އެތެރެކުރޭ. އަޅުގަނޑުގެ ހަމަ ލޮލުން ވީޑިއޯތައް ދެކުނިން،" އައްބާސް ވިދާޅުވިއެވެ.

ޤާނޫނުން މަނާކޮށްފައި އޮތް ނަމަވެސް ކޮންޓޭނަރުތަކުގައި ސިނގިރޭޓާއި މުދާ ރާއްޖެ އެތެރެކުރަމުންދާއިރު، އެކަމާ ދެކޮޅަށް މުއައްސަސާތަކުން ފިޔަވަޅު ނާޅާ ކަމަށް އައްބާސް ވިދާޅުވިއެވެ. ކުށްކުރާ މީހުންނާ މެދު އިންސާފުވެރިކަމާއެކު ފިޔަވަޅު އެޅުމަށް މުއައްސަސާތަކުގެ ވެރިން އިޚްލާޞްތެރިވެ، ތެދުވެރިވާން ޖެހޭ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ނިޒާމު މިހާރު ބައްޓަންވެފައިވާ ގޮތުން، ރައްޔިތުންގެ ހައްޤުތައް ހޯދައިދޭން ހުރި ތަންތަން ވެސް ހިނގަނީ އެންމެ ބޭފުޅެއްގެ ކޮމާންޑަށް ކަމަށް އައްބާސް ވިދާޅުވިއެވެ. ދައުލަތުގެ ތިން ބާރު ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން މުސްތަޤިއްލުކޮށް ހިނގި ދުވަހަކުން ނޫނީ ހުރިހާ ކަމެއް ރަނގަޅު ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހޯކްސް ކުންފުނީގެ ބޯޓަކުން ގިނަ އަދަދެއްގެ ސިނގިރޭޓް އެތެރެކުރި މައްސަލައާއި، ބޮންޑެޑް ވެއާހައުސްއެއްގައި ރައްކާކޮށްފައި ހުރި 34،500 ސިނގިރޭޓް ކާޓޫން ގެއްލުނު މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ބެލި ނަމަވެސް، އެ މަސައްކަތްތައް ކުރިއަށް ނުދިޔަ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.

"މި މަޖިލީހުން ޖަވާބުދާރީ ކުރުވަން އެޅީ ކޮން ފިޔަވަޅެއްތޯ؟ ކޮމިޓީގެ މުޤައްރިރާ ދޭތެރޭގައި ޢަމަލުކުރެއްވީ ކޮން ގޮތަކަށްތޯ؟ އެ ކޮމިޓީން ނިންމި ނިންމުން 24 ގަޑިއިރުގެ ތެރޭގައި ބަދަލުކުރަން މަޖުބޫރެއް ނުކުރޭތޯ މަތިން އޯޑަރު އައިސްގެން؟" އައްބާސް ސުވާލުކުރެއްވިއެވެ.

އެ މައްސަލަތައް ބެލުމުގައި އިސްކޮށް ހަރަކާތްތެރިވީ މަޖިލީހުގެ އޭރުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ނާޒިމެވެ. ނަމަވެސް މިދިޔަ އޭޕްރީލް މަހު މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ މެންބަރުކަމުން ނާޒިމް ވަކިކުރިއެވެ. އަދި މެއި 31 ވަނަ ދުވަހު ނާޒިމް ވަނީ ނައިބު ރައީސްކަމުން އިސްތިޢުފާ ދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު