Monday, October 12
ގްރޭޓަރ މާލޭގައި ކުރިއަށްގެންދާ ފުލުހުންގެ ހާއްސަ އޮޕަރޭޝަން މިނިސްޓަރު އިޙްސާން ބައްލަވާލައްވައިފި

ގްރޭޓަރ މާލެ ސަރަޙައްދުގެ މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަން، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ބައްލަވާލައްވައިފިއެވެ.

އޮކްޓޫބަރު 11 ވަނަ ދުވަހުގެ ރޭ ކުރެއްވި މި ޒިޔާރަތުގައި، އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ފުލުހުންގެ މަސައްކަތްތައް ވަޒީރު ގާތުން ބައްލަވާލެއްވިއެވެ. އަދި ފްރަންޓްލައިންގައި މަސައްކަތްކުރައްވާ ފުލުހުންނަށް ހިތްވަރު ދެއްވިއެވެ.

މި އޮޕަރޭޝަނުގައި މައިގަނޑު ގޮތެއްގައި ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވަނީ ބިރުވެރިކަން އުފެދޭގޮތަށް ޒިގްޒެގްކޮށް ދުއްވުމާއި، އުޅަނދަށް ބަދަލުގެނެސް ސައިލެންސަރު އަޑުގަދަކޮށް ދުއްވުމާއި، ހަރު ބިންމަތީގައި ގާނަމުން ދުއްވުމާއި، ދުވެލިމަތަތަކަށް މަޑުނުކޮށް ބާރު ސްޕީޑުގައި ދުއްވާ ފަރާތްތަކަށެވެ.

މީގެ އިތުރުން، ކަމާގުޅޭ އިދާރާތަކުގެ ހުއްދަ ނުނަގައި ރޭސްޖެހުމާއި ހުނަރުދެއްކުމާއި، ނުރައްކާތެރިކޮށް އޯވަޓޭކްކުރުމާއި، މަސްތުގެ ހާލަތުގައި ދުއްވާ ފަރާތްތަކާމެދުވެސް ހަރުކަށި ފިޔަވަޅުތައް އަޅާނެއެވެ. ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ފިލަން މަސައްކަތްކުރާ ފަރާތްތަކާމެދުވެސް ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ.

މި އޮޕަރޭޝަން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވުމުގެ މައްސަލަތައް ބޮޑަށް ފާހަގަކުރެވޭ ހުޅުމާލޭގެ މަގުތަކަށާއި، ސިނަމާލެ ބްރިޖާއި މާލެ އަދި ހުޅުމާލެ ގުޅުވައިދޭ ހައިވޭއަށެވެ. މުޅި ގްރޭޓަރ މާލެ ސަރަޙައްދު ހިމެނޭހެން މި ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

ހުޅުމާލެ ޓްރެފިކް ޕޮލިސް ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޙަނީފާއި، ބްރިޖް އެންޑް ހައިވޭ އޮޕަރޭޝަންސްގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނަޢީމް މީގެކުރިން ވިދާޅުވެފައިވަނީ، ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލުވަންދެން މި އޮޕަރޭޝަން މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.

މި ހަރަކާތްތައް ކުރިއަށްގެންދަނީ މި މަހުގެ 1 ވަނަ ދުވަހު އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނު (ގާނޫނު ނަންބަރު 16/2026) ގެ ދަށުން މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު