Monday, October 12
ވ. ފެލިދޫ ޕޮލިސް ސްޓޭޝަންގެ މައި އިމާރާތުގެ ސްލެބް އެޅުމުގެ ތައްޔާރީތައް ފަށައިފި

ވ. ފެލިދޫ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަޝްރޫޢުގެ ދަށުން، މައި އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ސްލެބް ކޮންކްރީޓް އެޅުމުގެ އެންމެ ފަހުގެ ތައްޔާރީތައް ފަށައިފި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި، ސައިޓުގައި މިހާރު ކުރިއަށްދަނީ ސްލެބް އެޅުމަށް ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން ދަގަނޑު ބަނުމާއި ފޯމްވޯކްގެ މަސައްކަތްތަކެވެ. މި މަސައްކަތްތައް ނިމުމުން، ސްލެބް އެޅުމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

މި މަޝްރޫޢުގެ ކުރީގެ މަރުޙަލާތަކުގައި ސްޓޭޝަންގެ ކަސްޓަޑީ ސެލް ބްލޮކްގެ ކޮލަމް މަސައްކަތްތަކާއި ބީމް ޝަޓަރިންގ އަދި ރީއިންފޯސްމަންޓް މަސައްކަތްތައް ވަނީ ނިންމާލާފައެވެ. މިހާރު އިސްކަމެއް ދީގެން ކުރިއަށްގެންދަނީ އިދާރީ ޚިދުމަތްތައް ދިނުމަށް ޚާއްޞަ މައި ބްލޮކްގެ މަސައްކަތްތަކެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އަދި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢަކީ ދިވެހި ފުލުހުންގެ ޚިދުމަތުން އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މަޝްރޫޢު ނިމުމުން ފެލިދޫގައި ޤާއިމުވެގެންދާނީ ފުލުހުންގެ އޮޕަރޭޝަންތަކަށާއި އިދާރީ ކަންކަމަށް ފުރިހަމައަށް އެކަށޭނަ، ޒަމާނީ ފެންވަރުގެ ސްޓޭޝަނެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު