Monday, October 12
މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 104 މިލިއަން ރުފިޔާ ލިބިއްޖެ

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި 104 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާގެ ސެޕްޓެންބަރު މަހުގެ މާލީ ރިޕޯޓަށް ބަލާއިރު، ޖެނުއަރީން ސެޕްޓެންބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 104 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 87.8 މިލިއަން ރުފިޔާއާ އަޅާބަލާއިރު، 24 އިންސައްތަ އިތުރުވުމެކެވެ.

ހަމައެކަނި ސެޕްޓެންބަރު މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 5.6 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ލިބުނު 5.2 މިލިއަން ރުފިޔާއާ އަޅާބަލާއިރު ކުޑަ ދަށްވުމެކެވެ.

މިދިޔަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 19,266.10 ރުފިޔާއެވެ.

މުދަލު ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން، މި އަހަރުގެ ޖޫން މަހުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަ ނިޒާމަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން މީރާގެ އޮންލައިން ވަސީލަތްތަކާއި ބްރާންޗުތަކުގެ އިތުރުން، ރަށު ކައުންސިލް އިދާރާތައް މެދުވެރިކޮށްވެސް ޒަކާތް ދެއްކުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު