މިދިޔަ ސެޕްޓެންބަރު މަހު 2.69 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
މީރާއިން ބުނީ، މިއީ ސެޕްޓެންބަރު މަހަށް އަންދާޒާކުރި މިންވަރަށްވުރެ 12.7 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.
އަންދާޒާއަށްވުރެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކަކީ ޖީ.އެސް.ޓީއާއި ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވެސް އިތުރުވެފައިވެއެވެ.
ޚާއްޞަކޮށް ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ (ޓީ.ޖީ.އެސް.ޓީ) އިތުރުވެފައިވަނީ، މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 18 އިންސައްތަ އިތުރުވުމާ ގުޅިގެންނެވެ.
ސެޕްޓެންބަރު މަހު ލިބުނު އާމްދަނީގެ 15.8 އިންސައްތައަކީ ކުރީގެ ސުންގަޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި 17.4 އިންސައްތަ ލިބިފައިވަނީ ނުދައްކާ ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންނެވެ.
އެގޮތުން، ނޯޓިސް ފޮނުވައިގެން 395 މިލިއަން ރުފިޔާ ހޯދިފައިވެއެވެ. ޑިއުސް ކްލިއަރެންސްގެ ތެރެއިން 87 މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 123 މިލިއަން ރުފިޔާ ހޯދިފައިވެއެވެ. ބޭންކް އެކައުންޓް ފްރީޒްކޮށްގެން ވެސް 8 މިލިއަން ރުފިޔާ ހޯދިފައިވެއެވެ.
ވޭތުވެދިޔަ އަހަރުގެ ސެޕްޓެންބަރު މަހާ އަޅައިބަލާއިރު، މިދިޔަ މަހު ލިބުނު އާމްދަނީ 10.7 އިންސައްތަ ދަށްވެފައިވެއެވެ. މީރާއިން ބުނެފައިވަނީ، މިކަމުގެ މައިގަނޑު ސަބަބަކީ ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއާއި އާންމު ދާއިރާގެ ޖީ.އެސް.ޓީ ދަށްވުން ކަމަށެވެ.
ނަމަވެސް، ވޭތުވެދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ލިބުނު ޖުމްލަ އާމްދަނީއާ އަޅައިބަލާއިރު، މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ލިބުނު ޖުމްލަ އާމްދަނީ 8.9 އިންސައްތަ އިތުރުވެފައިވެއެވެ.






