Monday, October 12
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްދޭން 80 އަށްވުރެ ގިނަ ތެރަޕިސްޓުން ތިއްބެވި: މިނިސްޓަރު ގީލާ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްދިނުމަށް 80 އަށްވުރެ ގިނަ ތެރަޕިސްޓުން މިހާރު ޚިދުމަތުގައި ތިއްބެވި ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރޭ ބޭއްވި "އަހާ" ފޯރަމްގެ 9 ވަނަ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ޖިސްމާނީ ނުވަތަ އެހެނިހެން ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެފަދަ ކުދިންނަށް އެއް ތަނެއްގައި ގިނައިރު މަޑުކުރުމަކީ ދަތި ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކާޑު ދައްކާލުމުން ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން އަވަހަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު މިހާރުވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރު އެކަނިވެސް 50 ތެރަޕިސްޓުން ޚިދުމަތުގައި ގާއިމުކޮށް ބޭތިއްބުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ތެރަޕިސްޓުން ޚިދުމަތް ދެމުންދަނީ މާލެއާއި އަތޮޅުތަކުގައެވެ. މީގެ ތެރޭގައި ސްޕީޗް ތެރަޕިސްޓުންނާއި، އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި، ސައިކޯތެރަޕިސްޓުންނާއި ފިޒިއޯތެރަޕިސްޓުން ހިމެނެއެވެ.

ހުރިހާ ބާވަތެއްގެ ތެރަޕީތަކަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ތަރައްޤީކުރާ ނޭޝަނަލް ޑިސްއެބިލިޓީ ސަރވިސް އެންޑް ތެރަޕީ ސެންޓަރުގެ މަސައްކަތް، އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މި ސެންޓަރުގެ މަސައްކަތް 2 އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސެންޓަރު ޤާއިމުކުރައްވަން ނިންމަވާފައިވާކަން އިޢުލާނުކުރެއްވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15,885 މީހަކު ރަޖިސްޓަރީވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު