ރާއްޖޭގައި ހެލިކޮޕްޓަރު ޚިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތަށް ދެން ލަސްތަކެއް ކުރިމަތިނުވާނެ ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރޭ ބޭއްވި "އަހާ" ފޯރަމްގައި، ހެލިކޮޕްޓަރު ޚިދުމަތް ދޭން ނުފެށި ލަސްވާތީ އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެ ޚިދުމަތް ފެށުމަށް ދެ ތާރީޚެއް ދިން ނަމަވެސް މިހާތަނަށް ނުފެށި އޮތީ އެކަމުގެ ބޮޑުކަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ހެލިކޮޕްޓަރު ޚިދުމަތް ރާއްޖޭގައި ދެމުން އައީ މީގެ 25 ވަރަކަށް އަހަރު ކުރިންނެވެ. އޭރު ދިމާވި ހިތާމަވެރި ހާދިސާއަކަށް ފަހު މި ޚިދުމަތް އަލުން ފެށުމުގައި ސަލާމަތީ މިންގަނޑުތަކަށް ބެލުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން، ޚިދުމަތް ފަށާނީ އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ޔޫކޭ ސީއޭ) ގެ އެސެސްމެންޓުތަކުގައި ދީފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދެވަނަ ފަހަރަށް ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލުމަށް ފަހު މަސައްކަތުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކުރިމަތިލީ ފަރާތްތަކާއެކު ޚިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ޚިދުމަތް ފެށުމުގެ އެންމެ މުހިންމު ބޭނުމަކީ ރަށްރަށުން ބަލިމީހުން އުފުލުން ނުވަތަ މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތް ދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ޚިދުމަތް ފަށާ ދުވަސްކޮޅު ކޮންމެ މަހަކު 50 ގަޑިއިރުގެ މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތް ސަރުކާރަށް ހިލޭ ދޭންޖެހޭނެއެވެ. ފަހުން މި މިންވަރު މަހަކު 100 ގަޑިއިރާއި 120 ގަޑިއިރާ ދެމެދަށް އިތުރުވާނެއެވެ. ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ޚިދުމަތް ދޭނީ އަގަކާއެކުއެވެ.
މި ޚިދުމަތަށް ހޮވޭ ކުންފުންޏަށް ރާއްޖޭގައި ހެލިކޮޕްޓަރު ޚިދުމަތް ދިނުމުގެ އެކްސްކްލޫސިވިޓީ 10 އަހަރަށް ލިބޭނެއެވެ.






