ރާއްޖޭގެ ހިރިގަލުގެ ފަސް މިސްކިތެއް އަންނަ އަހަރު ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ ފުރުޞަތު ބޮޑު ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރޭ ބޭއްވި "އަހާ" ފޯރަމްގެ 9 ވަނަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތުގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތްތައް ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަހުގެ ނިޔަލަށް ފައިނަލް ލިޔުން ޔުނެސްކޯއަށް ހުށަހެޅޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޔުނެސްކޯގެ އިވެލުއޭޝަން ޓީމެއް ރާއްޖެއަށް އައިސް، މި ތަންތަން ބަލައި، އެ ރަށްރަށުގެ ރައްޔިތުންނާ ވާހަކަދައްކާފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. އިންޓަރނޭޝަނަލް ކައުންސިލް އޮން މޮނިއުމަންޓްސް އެންޑް ސައިޓްސް (އައިކޮމޮސް) އިން އިވެލުއޭޝަން މަސައްކަތް ނިންމާފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުއެވެ. އެއާއެކު ގެންނަންޖެހޭ ބަދަލުތައް ގެނެސް، މި މަހުގެ ނިޔަލަށް ލިޔުން ހުށަހަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ އިރާދަކުރެއްވިއްޔާ 2027 ވަނަ އަހަރުގެ ފަހުކޮޅު މި ތަންތަން ލިސްޓުގައި ހިމެނިގެންދާނެ ކަމަށް. މިކަމުގެ ސަބަބުން އެ މިސްކިތްތައް ނިސްބަތްވާ ރަށްތަކަށާއި، ދިވެހިރާއްޖޭގެ އިޤްތިޞާދަށް ވަރަށް ގިނަ ފައިދާތަކެއް ކުރާނެ. ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ތަރިކަ ބަލައިގަންނާނެ. މި މިސްކިތްތައް ބަލަން އަންނަ މީހުންގެ އަދަދުވެސް އިތުރުވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް މަސައްކަތްކުރަމުންދާތާ 13 އަހަރު ވެފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ސީރިއަލް ނޮމިނޭޝަނެއްގެ ގޮތުގައި ކުރިއަށްދާ މި މަސައްކަތުގެ ނޮމިނޭޝަން ފައިލް، މިއަހަރުގެ ޖަނަވަރީ މަހު ޔުނެސްކޯއިން ވަނީ ބަލައިގަނެފައެވެ.
މީގެ އިތުރުން، ޣާޒީ ބަންޑާރައިންގެ ހަނދާންތައް ދިރުވައި އާލާކުރުމުގެ މަޝްރޫޢުގައި ހިމެނޭ ރަށްތަކަށް ފަތުރުވެރިކަމުން މާލީ މަންފާ ލިބޭނެ ގޮތަށް ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ މަސައްކަތް މިހާރު އޮތީ ނިމުމުގެ މަރުހަލާގައެވެ.
ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް ކުރެވެމުންދާ ރަށްތަކަކީ ހއ. އުތީމު، ބާރަށް، ތަކަންދޫ، ށ. މަރޮށި އަދި ލ. އިސްދޫއެވެ.






