ހދ. ނާގޯށި ރިސޯޓު 11 ވަރަކަށް މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރޭ ބޭއްވި "އަހާ" ފޯރަމްގެ 9 ވަނަ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ނާގޯށި ތަރައްޤީކުރުމުގެ މަޝްރޫޢުގެ 55 އިންސައްތައަށްވުރެ ގިނަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރިސޯޓު ހުޅުވުމަށް މަސައްކަތް ކުރަމުން ގެންދިޔައީ މިއަހަރުގެ ނޮވެމްބަރު މަހަށް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނާގޯށީގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ބުނެ އަޑުފެތުރިފައިވީ ނަމަވެސް، އެއީ ޙަޤީޤަތެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނާގޯށި ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ. އޭރު މި މަސައްކަތް ސަރުކާރުން ވަނީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ ހަވާލުކޮށްފައެވެ.
ރިސޯޓު ހެދުމަށް ނާގޯށި އެންމެ ފުރަތަމަ އެމްޓީޑީސީއާ ހަވާލުކުރީ 2006 ވަނަ އަހަރުއެވެ. އެކި ފަހަރު މަތިން އެ ކުންފުންޏާ ހަވާލުކުރި ނަމަވެސް، ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެން ކުރި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިފައެއް ނުވެއެވެ. ރަޝިއާގެ ތުރީކެއާ އިންޓަނޭޝަނަލް ކުންފުންޏަށާއި ދުބާއީގެ ކޮންޓްރެކްޓަރަކަށް ވެސް މީގެކުރިން އެ ރަށް ދީފައިވެއެވެ.
ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު ނުވަތަ 462.6 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާ ނާގޯށީގެ މަސައްކަތް ލަސްވުމާ ގުޅިގެން، ސަރުކާރުން އެމްޓީޑީސީއާއެކު ހަދާފައިވާ އެއްބަސްވުން ކުރިން ބާތިލުކޮށްފައިވެއެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން 2017 ވަނަ އަހަރުގެ އޮގަސްޓު މަހު ވަނީ އަލުން އެ ރަށް 50 އަހަރަށް އެ ކުންފުންޏާ ހަވާލުކޮށްފައެވެ.
މިދިޔަ އަހަރު ރަށް އަލުން އެމްޓީޑީސީއާ ހަވާލުކުރީ ބީޗް ވިލާއާއި ޖަކޫޒީ ބީޗް ވިލާއާއި ވޯޓާ ވިލާ ހިމެނޭ ގޮތަށް ހަތަރު ކެޓެގަރީއެއްގެ ކޮޓަރި ހަދާ ގޮތަށެވެ. ރިސޯޓު ހުޅުވުމުން 600 ވަޒީފާ އުފެދިގެންދާނެ ކަމަށް އެމްޓީޑީސީން ކުރިން ބުނެފައިވެއެވެ.
ހދ. އަތޮޅަކީ ޓޫރިޒަމް ތަރައްޤީވެފައި ނުވާ މަދު އަތޮޅުތަކުގެ ތެރެއިން އަތޮޅެކެވެ.






