Saturday, October 10
ނަފްސާނީ އެހީ ބޭނުންވާ ފަރާތްތަކަށް އޯގާތެރިވުމަށް ރައީސް ގޮވާލައްވައިފި

ނަފްސާނީ ދުޅަހެޔޮކަމަށް ހުރި ހުރަސްތައް ނައްތާލައި، އެފަދަ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ނަފްސާނީ ގޮންޖެހުންތައް ތަހައްމަލުކުރަމުންދާ ފަރާތްތަކަށް އޯގާތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ބައިނަލްއަޤުވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތްތައް ފުރިހަމަ ކުރެވޭނީ އެފަދަ ފަރާތްތަކުގެ އަޑު އަހައިގެން ކަމަށެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވައި، މެންޓަލް ހެލްތް ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި، ޑެމެންޝިއާ އެކްޝަން ޕްލޭން ގެ އިތުރުން ނެޝަނަލް މެންޓަލް ހެލްތް ޕޮލިސީ އާއި މެންޓަލް ހެލްތް އެކްޓް ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ސިއްހީ ނިޒާމުގެ ތެރެއަށް ނަފްސާނީ ހިދުމަތްތައް އިތުރުކޮށް، ޓެލެ-މެންޓަލް ހެލްތާއި ސްޕެޝަލިސްޓް ހިދުމަތްތައް އަތޮޅުތެރެއަށް ފުޅާކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވަޒީފާގެ މާހައުލާއި، އާއިލާ އަދި ސްކޫލްތަކުގެ ތެރެއިން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދީ، ހޭލުންތެރިކަން އިތުރުކުރުމުން ފަރުވާ ހޯދުމަށް އޮންނަ ލަދުވެތިކަން ނައްތާލެވޭނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލެއްވީ، ނަފްސާނީ ދަތިތައް ތަހައްމަލުކުރާ ފަރާތްތަކުން އެކަނި އެކަމާ ކުރިމަތިލާން ނުޖެހޭފަދަ އަޅާލާ، އޯގާތެރި މުޖުތަމައެއް ބިނާކުރުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު