Thursday, October 8
މެންބަރުންގެ ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލައި ހުށަހެޅި ޕެޓިޝަން މަޖިލިސް ތަޅުމަށް ފޮނުވަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުރީގެ މެންބަރުންނަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލައި ހުށަހެޅި އީ-ޕެޓިޝަން މަޖިލިސް ތަޅުމުގައި ބަހުސްކުރުމަށް ޕެޓިޝަން ކޮމިޓީން ފާސްކޮށްފިއެވެ.

ސޯޝަލް މީޑީއާ އެކްޓިވިސްޓް މިދުއަމް ސައުދު ހުށަހަޅުއްވައި، 7،225 މީހުން ސޮއިކޮށްފައިވާ މި ޕެޓިޝަނަކީ އީ-ޕެޓިޝަން ގަވާއިދުގެ ތްރެޝްހޯލްޑް ހަމަވެގެން މަޖިލީހަށް ހުށަހެޅުނު ދެވަނައަށް އެންމެ ގިނަ މީހުން ސޮއިކުރި ޕެޓިޝަނެވެ. މިކަމާ ގުޅިގެން އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަނީ މި މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވަން ނިންމާފައެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނު އޮންނަ ގޮތުން މަޖިލިސް މެންބަރުންނާއި، އެ މެންބަރުންގެ އަނބިމީހާ ނުވަތަ ފިރިމީހާ އަދި 18 އަހަރުން ދަށުގެ ދަރިންނަށް ރާއްޖެއާއި، ސާކް އަދި އާސިއާންގެ ޤައުމުތަކުން (މެލޭޝިއާ، ތައިލެންޑް އަދި ސިންގަޕޫރު ފަދަ ޤައުމުތައް ހިމެނޭހެން) ސިއްހީ ފަރުވާ ލިބޭނެ މެޑިކަލް އިންޝުއަރެންސް ސްކީމެއް ހަމަޖައްސައިދޭން ޖެހެއެވެ. އަދި މަޖިލިސް މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށްވެސް މިފަދަ ހެލްތު އިންޝުއަރެންސް ސްކީމެއް ލިބެން ޖެހެއެވެ.

ނަމަވެސް ޕެޓިޝާނަރުން ބަޔާންކޮށްފައިވާ ގޮތުގައި، އާންމު ރައްޔިތުންނަށް ނުލިބޭ މިފަދަ ހާއްސަ އިންޝުއަރެންސެއް ރައްޔިތުންގެ ޓެކްސް ފައިސާއިން މެންބަރުންނަށް ދިނުމަކީ ބުއްދިގަބޫލުކުރާކަމެއް ނޫނެވެ. ދުނިޔޭގެ މުއްސަނދި ޤައުމުތަކުގައިވެސް ކުރީގެ މެންބަރުންނަށް އުމުރުދުވަހުގެ ހެލްތު އިންޝުއަރެންސް ނުދޭ ކަން ފާހަގަކޮށް، ދައުލަތުން ދޭ ސިއްހީ އިންޝުއަރެންސަކީ ހުރިހާ ރައްޔިތުންނަށް ވެސް އެއް ހަމައެއްގައި ލިބެންޖެހޭ އެއްޗެއް ކަމަށް އެ ޕެޓިޝަނުގައި ބުނެފައިވެއެވެ.

އެހެންކަމުން، މެންބަރުންނާއި އާއިލާތަކަށް ހާއްސަ ކޮށްފައިވާ އިންޝުއަރެންސް ސްކީމްތަކާ ގުޅޭ ގާނޫނުތައް އުވާލައި، އެ ބޭފުޅުންނަކީވެސް އާންމު ރައްޔިތުން ފަދައިން ޤައުމީ ސިއްހީ ނިޒާމުގެ ދަށުން ބޭސްފަރުވާ ލިބޭ ބަޔަކަށް ހެދުމަށް ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ޕެޓިޝަނުގައި ވަނީ ގޮވާލާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު