ޓެންޒޭނިއާގެ އަރޫޝާގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 153 ވަނަ އެސެމްބްލީގައި ތަގުރީރު ކުރައްވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ ހެޔޮވެރިކަމެއްގެ ހަގީގީ މިންގަނޑަކީ ހަމައެކަނި މުއައްސަސާތައް ގާއިމުކުރުން ނޫން ކަމަށާއި، ރައްޔިތުންގެ އިތުބާރު ލިބޭނީ ސީދާ ނަތީޖާ ނެރެދީގެން ކަމަށެވެ. މިއިތުބާރު ބިނާވަނީ ހާމަކަން ބޮޑު ގޮތެއްގައި ޖަވާބުދާރީވުމާއި، ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރުމުގެ މައްޗަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާއި، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ދައުރު މުހިންމުކަން ފާހަގަކުރައްވަމުން، "އީފާސް" ފަދަ ވަސީލަތްތަކުގެ ސަބަބުން ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮތް ގުޅުން ބަދަހިވަމުންދާކަން އެމަނިކުފާނު އެންގިއެވެ. އަދި ގާނޫނު ހަދާ މަޖިލިސްތަކުގެ މަސްއޫލިއްޔަތަކީ ހަމައެކަނި ގާނޫނު ފާސްކުރުން ނޫން ކަމަށާއި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުވާ ގޮތާއި ދައުލަތުގެ މާލިއްޔާތު ޒިންމާދާރުކަމާއެކު ބޭނުންކުރޭތޯ ބެލުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ދުނިޔޭގެ މަސްރަޙަށް އަލިއަޅުއްވާލައްވަމުން، ފަލަސްތީނާއި މެދުއިރުމަތީގެ އިތުރުން އެފްރިކާގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާގެ މަގު އިހްތިޔާރުކުރުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ކަރާމާތް ނެގެހެއްޓުމަށް ހުރިހާ މަޖިލިސްތަކަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ރައްޔިތުންގެ އަޑުއަހާ، ނަތީޖާ ނެރެދޭ މަޖިލިސްތަކެއް ބިނާކުރުމަށް އައިޕީޔޫ މެދުވެރިކޮށް ރާއްޖެއިން އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.






