ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށް ސާފުނުކުރާ ތެޔޮ އުފުލާ މިންވަރު އަލުން ރަނގަޅުވާން ފަށައި، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 10.3 މިލިއަން ފީފާގެ ތެޔޮ ވަނީ އުފުލައިފައެވެ. ކެޕްލަރގެ ހިސާބުތަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކުރި ގޮތުގައި މިއީ ސަރަޙައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ކުރިން ތެޔޮ ދައުރުވި މިންވަރާ އަޅާބަލާއިރު 76 އިންސައްތައެވެ.
ސާފުނުކުރާ ތެޔޮ އުފުލުން ކުރިއަރަމުން ދިޔަ ނަމަވެސް، ހަނގުރާމައިގެ ސަބަބުން ރިފައިނަރީތަކުގެ މަސައްކަތް ހުއްޓިފައިވާތީ ޑީސަލާއި ޕެޓްރޯލް ފަދަ ސާފުކޮށްފައިވާ އުފެއްދުންތަކުގެ މިންވަރު އަދިވެސް އުޅެނީ ވަރަށް ބޮޑަށް ދަށުގައެވެ.
އެމަޖެންސީ ސްޓޮކުން 100 މިލިއަން ފީފާގެ ތެޔޮ ދޫކުރުމަށް ޖީ7 ގެ ޤައުމުތަކުން އެއްބަސްވި ނަމަވެސް، ގެއްލުންވި ރިފައިނަރީތައް މަރާމާތުކޮށް މަސައްކަތް އަލުން ފެށުން ލަސްވާތީ، ސާފުކުރި ތެލުގެ ބާޒާރު އެއްކޮށް ހަމައަކަށް އެޅުމަށް 2027 ވަނަ އަހަރާ ހަމައަށް ދިގުލައިގެން ހިނގައިދާނެ ކަމަށް އެނަލިސްޓުން ލަފާކުރެއެވެ.






