Wednesday, October 7
ޕާކިސްތާނުގެ ވައިގެ ހަމަލާތަކެއްގައި ތިން މީހުން މަރުވެއްޖެ ކަމަށް އަފްޣާނިސްތާނުން ބުނެފި

ޕާކިސްތާނުން އަފްޣާނިސްތާނުގެ އިރުއުތުރު ސަރަހައްދަށް ދިން ވައިގެ ހަމަލާތަކެއްގައި މަދުވެގެން ތިން މީހުން މަރުވެފައިވާ ކަމަށް އަފްޣާނިސްތާނުގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ. އަފްޣާން ތާލިބާނުންގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، ކުނާރު ޕްރޮވިންސްގެ ގެއަކަށް އަމާޒުކޮށް ދިން މި ހަމަލާގައި މަރުވެފައިވަނީ އެއް އާއިލާއަކަށް ނިސްބަތްވާ ތިން މެންބަރުންނެވެ.

ކުނާރު ޕްރޮވިންސްގެ ނޫރުގަލް ޑިސްޓްރިކްޓަށް ހޯމަ ދުވަހުގެ ފަތިހު ދިން ވައިގެ ހަމަލާއެއްގައި ތިން މީހުން މަރުވެ، އިތުރު ހަތަރު މީހަކު ޒަޚަމްވެފައިވާ ކަމަށް އެ ޕްރޮވިންސްގެ ތަރުޖަމާނު ފަރީދު ދެހްޤާން އަލްޖަޒީރާއަށް މައުލޫމާތު ދެއްވާފައިވެއެވެ.

ތާލިބާނުންގެ ނައިބު ތަރުޖަމާނު ހަމްދުﷲ ފިޠުރަތު ވިދާޅުވި ގޮތުގައި، ކުނާރުގެ އިތުރުން ޕަކްތީކާ ޕްރޮވިންސްގެ ބަރްމަލް ޑިސްޓްރިކްޓްގެ ދެ ސަރަހައްދަކަށް ވެސް ބޮން އަޅައި، ފިހާރައަކާއި ފަޅުގެއެއް ހަލާކުވެފައިވީ ނަމަވެސް، އެ ސަރަހައްދުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މި ހަމަލާތަކާ ގުޅިގެން ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓްރީން ބުނެފައިވަނީ އަފްޣާނިސްތާނުގެ ތިން އަމާޒަކަށް ދިން ވައިގެ ހަމަލާތަކެއްގައި 28 "ޓެރަރިސްޓުން" މަރާލާފައިވާ ކަމަށެވެ.

ގާތްގަނޑަކަށް ތިން މަސް ދުވަހުގެ ހަމަހިމޭންކަމަކަށްފަހު ދިން މި ހަމަލާތަކާ ގުޅިގެން، ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު އަނެއްކާވެސް ނުތަނަވަސްކަން އުފެދިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. މި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވަނީ މިދިޔަ ފެބުރުއަރީ މަހު ހިނގި ވަރުގަދަ ކުރިމަތިލުންތަކަށް ފަހުގައެވެ.

ޕާކިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ބޯޑަރު ހުރަސްކޮށް ހަމަލާދޭ ހަތިޔާރުއެޅި ޖަމާއަތްތަކަށް އަފްޣާނިސްތާނުން ހިމާޔަތްދޭ ކަމަށް އިސްލާމްއާބާދުން ތުހުމަތުކުރެއެވެ. ނަމަވެސް އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން އެ ތުހުމަތުތައް ދޮގުކޮށް، އެއީ ޕާކިސްތާނުގެ އެތެރޭގެ މައްސަލައެއް ކަމަށް ބުނެއެވެ.

މި ވައިގެ ހަމަލާތައް ދީފައިވަނީ ޕާކިސްތާނުގެ ކޮހާތުގައި ހުންނަ ފުލުހުންގެ މަރުކަޒެއްގެ މިސްކިތަކަށް ޕާކިސްތާން ތާލިބާނުންގެ ފެކްޝަނަކުން ބޮމުގެ ހަމަލާއެއް ދީ، މަދުވެގެން 21 މީހުން (ގިނައީ ފުލުހުން) މަރާލި ހާދިސާއަށް ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

ޕާކިސްތާނަށް ދޭ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އަފްޣާނިސްތާނުގެ އެތެރޭގައި ތިބި ހަނގުރާމަވެރިންނަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓްރީން ވަނީ ދީފައެވެ. އަދި ކޮހާތަށް ދިން ހަމަލާގެ ޒިންމާ ވެސް އެ ގައުމުން އަޅުވާފައިވަނީ އަފްޣާނިސްތާނުގައި ތިބި ހަނގުރާމަވެރިންގެ ބޮލުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު