Wednesday, October 7
ނަސްލީ ތަފާތުކުރުމުގެ މައްސަލަތަކެއްގައި ޓެސްލާއާ ދެކޮޅަށް ބޮޑު ޝަރީއަތެއް ފަށަނީ

ޓެސްލާގެ މައި އެސެމްބްލީ ޕްލާންޓުގައި ކަޅުނަސްލުގެ މުވައްޒަފުންނާމެދު ނަސްލީ ތަފާތުކުރުންތަކަށް ފުރުސަތު ދިން ކަމަށް ބުނެ ކެލިފޯނިއާގެ އިދާރާއަކުން ކުރި ދައުވާގެ ޝަރީއަތް ހޯމަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އޯކްލެންޑްގެ ސްޓޭޓް ސުޕީރިއާ ކޯޓުގައި ގާޒީ ޕީޓާ ބޯކޮން ބައްލަވާ މި ޝަރީއަތަކީ ޓެސްލާއާ ދެކޮޅަށް އުފުލާފައިވާ މިފަދަ ގިނަ އަހަރުވީ މައްސަލަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ދައުވާއެއް ކަމަށްވާއިރު، މި ޝަރީއަތް އޮކްޓޯބަރު 30 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކުރައްވާފައެވެ.

2022 ވަނަ އަހަރު ކެލިފޯނިއާ ސިވިލް ރައިޓްސް ޑިޕާޓްމަންޓުން ހުށަހެޅި ދައުވާގައި ބުނެފައިވަނީ، ފްރީމޮންޓްގައި ހުންނަ ޓެސްލާގެ ޕްލާންޓުގައި މަސައްކަތްކުރާ ކަޅުނަސްލުގެ މުވައްޒަފުންނަށް ނަސްލީ ފުރައްސާރައާއި ތަފާތުކުރުންތައް ތަހައްމަލުކުރަން ޖެހުނު ކަމަށެވެ.

މީގެއިތުރުން ޓެސްލާއިން މިކަންކަން ހުއްޓުވަން ފިޔަވަޅު ނާޅައި، ކަޅުނަސްލުގެ މުވައްޒަފުންނަށް ކުޑަ މުސާރަދީ، ވަޒީފާގެ ކުރިއެރުމުން މަހްރޫމްކުރި ކަމަށްވެސް ދައުވާގައިވެއެވެ. މިކަމާ ގުޅިގެން ސިވިލް ރައިޓްސް ޑިޕާޓްމަންޓުން ވަނީ ޓެސްލާ ޖަވާބުދާރީ ކުރުވުމަށް އިންތިޒާރުކުރާ ކަމަށް ބުނެފައެވެ.

ޓެސްލާއިން އެއްވެސް ގޯހެއް ހަދާފައިނުވާނެ ކަމަށް ބުނެ ދައުވާތަކަށް އިންކާރުކޮށްފައިވާއިރު، އެ ކުންފުނިން ބުނަނީ ތަފާތުކުރުމަށް ޖާގަ ނުދޭނެ ކަމަށާއި ނުރަނގަޅު އަމަލު ހިންގި މުވައްޒަފުން ވަކިކޮށްފައިވާ ކަމަށެވެ. ޖޫރީއެއް ނެތި ކުރިއަށްދާ މި ޝަރީއަތުން ބަލިވެއްޖެނަމަ، ކެލިފޯނިއާގެ ގާނޫނުގެ ދަށުން ބަދަލުގެ އެންމެ މަތީ މިންވަރެއް ކަނޑައެޅިފައި ނުވާތީ އެތައް މިލިއަން ޑޮލަރެއް ދޭންޖެހިދާނެއެވެ.

މިދިޔަ އަހަރު 6،000 އަށް ވުރެ ގިނަ ކަޅުނަސްލުގެ މުވައްޒަފުންނަށް ކްލާސް އެކްޝަނެއްގެ ގޮތުގައި ދައުވާ ނުކުރެވޭނެ ކަމަށް ނިންމި ނަމަވެސް، ޔޫ.އެސް އީކުއަލް އެމްޕްލޯއިމަންޓް އޮޕޮޗުނިޓީ ކޮމިޝަނާއި ވަކިވަކި މުވައްޒަފުން ކުރި ގިނަ ދައުވާތަކާ ޓެސްލާއިން ކުރިމަތިލާން ޖެހިފައިވެއެވެ. އަދި އޭގެ ތެރެއިން ބައެއް މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކޮށްފައިވެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު