Wednesday, October 7
ޑިޕްލޮމެޓިކް ޙައްލެއްގެ އުންމީދާއެކު، ހަފުތާއަކަށްފަހު ތެލުގެ އަގު އެންމެ ދަށަށް ވެއްޓިއްޖެ

އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުންތަކުގެ ތެރެއިން އެމެރިކާ އާއި އީރާނުގެ ދެމެދުގައިވާ ހަނގުރާމައިގެ ނުތަނަވަސްކަމަށް ޑިޕްލޮމެޓިކް ހައްލެއް ލިބިދާނެ ކަމުގެ އުންމީދު އޮތުމާއި، ސައޫދީ އަރަބިއްޔާއިން ތެޔޮ ބޭރުކުރާ މިންވަރު ރަނގަޅުވަމުން އަންނާތީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހަފުތާއަކަށްވުރެ ދިގު މުއްދަތަކަށްފަހު އެންމެ ދަށް މިންވަރަށް ވެއްޓިއްޖެއެވެ.

ހޯމަ ދުވަހުގެ ވިޔަފާރީގައި ބްރެންޓް ކްރޫޑާއި ޑަބްލިޔުޓީއައިގެ އަގު ވަނީ ސެޕްޓެމްބަރު 10 ގެ ފަހުން އެންމެ ދަށަށް ގޮސްފައެވެ. އެގޮތުން ބްރެންޓް ފީފާއެއްގެ އަގު 101.71 ޑޮލަރަށް އަދި ޑަބްލިޔުޓީއައިގެ އަގު 100 ޑޮލަރަށްވުރެ ދަށަށް ގޮސް ފީފާއެއް 98.15 ޑޮލަރަށް ވަނީ ވެއްޓިފައެވެ.

އެނަލިސްޓުން ފާހަގަކުރާ ގޮތުގައި، ތެލުގެ އަގު ދަށްވަމުން ދަނީ އެމެރިކާއާއި އީރާނާ ދެމެދު އޮތް ހަނގުރާމައިގެ ނުތަނަވަސްކަމަށް ޑިޕްލޮމެޓިކް ހައްލެއް ލިބިދާނެ ކަމުގެ އުންމީދު ބޮޑުވުމާ ގުޅިގެންނެވެ. މީގެ ތެރޭގައި އީރާނުގެ ރައީސާ ބައްދަލުކުރެއްވުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ތައްޔާރަށް ހުންނެވުމާއި، މަޝްވަރާތައް އަލުން ފެށުމަށް އީރާނުން ޝަރުތުތަކެއް ހުށަހަޅާފައިވުން ހިމެނެއެވެ.

މަސްރަޙު ފިނިކުރުމުގެ މަސައްކަތްތައް ހިނގަމުންދިޔަ ނަމަވެސް، ޔަމަނުގެ ހޫޘީން ވަނީ ސަޢޫދީގެ ރިޔާޟަށާއި ޔަންބޫގައި ހުންނަ އަރާމްކޯގެ ވަސީލަތްތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ. އަދި ހޫޘީން ހުއްޓުވުމަށް އެހީތެރިވެދިނުމަށް ޗައިނާއިން އީރާނުގައި އެދިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ހަމަލާތަކާ ގުޅިގެން ސަޢޫދީ އަރާމްކޯގެ ހޮޅިލައިނަށް ބުރޫއެރި ނަމަވެސް، ހުރުމުޒް ކަނޑުއޮޅި މެދުވެރިކޮށް ތެޔޮ ބޭރުކުރާ މިންވަރު ސަޢޫދީން ވަނީ އިތުރުކޮށްފައެވެ. އެގޮތުން ކުރިން ދަށްވެފައި އޮތް އެކްސްޕޯޓް މިހާރު ދުވާލަކު 4 މިލިއަން ފީފާއަށްވުރެ މައްޗަށް އަރައި، މެދުއިރުމަތީގެ ތެޔޮ ސަޕްލައި ވަނީ ވަރުގަދަ މިންވަރެއްގައި ދަމަހައްޓާފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު