Wednesday, October 7
އީރާނާއި އެމެރިކާއިން އެއްބަޔަކު އަނެއްބަޔަކަށް ވަރުގަދަ އިންޒާރުތަކެއް ދީފި

ޔަމަނުގެ ހޫޘީންގެ ހަމަލާތަކާ ގުޅިގެން ސަރަޙައްދީ ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާ އާއި އީރާނުން އެއްބަޔަކު އަނެއްބަޔަކަށް ވަރުގަދަ އިންޒާރުތަކެއް ދީފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާނުގެ އިޤްތިޞާދު ހަލާކުކޮށްލާނެ ކަމުގެ ނުވަތަ އެ ޤައުމުގެ ވެރިކަން ވައްޓާލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

މި އިންޒާރުތަކަށް ރައްދުދެމުން އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ދެވޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މެދުކެނޑުމެއްނެތި ހަމަލާދޭނެ ކަމަށެވެ. އަދި އެމެރިކާއަށް އެއްބާރުލުންދޭ ސަރަޙައްދީ ޤައުމުތަކަކީ ވެސް ހަނގުރާމައިގެ ބައިވެރިންގެ ގޮތުގައި ބަލާނެ ކަމަށް އީރާނުން ވަނީ ހާމަކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން އެއްބަސްވުމަކަށް އަންނަންޖެހޭ ކަމަށް ވިދާޅުވެ، އދ. ގެ ޢާންމު މަޖިލީހުގެ ހަވާސާގައި އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާނާ ބައްދަލުކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. އަދި މި ހަނގުރާމައިގައި ބޮޑެތި އަސްކަރީ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގެ ނުސީދާ އިންޒާރުތަކެއް ޓްރަމްޕް ވަނީ ދެއްވާފައެވެ.

ޔަމަނުގެ ހޫޘީން ބާބުލް މަންދަބް ކަނޑުއޮޅީގައި ބާރުގަދަކޮށް، ސަޢޫދީގެ ރިޔާޟަށް ހަމަލާތަކެއް ދީފައިވާއިރު، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މަސްރަޙު އިތުރަށް ގޯސްވެދާނެ ކަމުގެ އިންޒާރު ދީފައެވެ. މީގެއިތުރުން ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ހުރަސްއެޅުމާއި، އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށާއި އިޤްތިޞާދަށް ވަނީ ބޮޑު އަސަރެއް ކޮށްފައެވެ.

އީރާނުގެ ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ވިދާޅުވީ، ޑިޕްލޮމަސީގެ ކުރިއެރުމަށްޓަކައި މަޝްވަރާތަކާއެކު ހަނގުރާމަކުރުން ވެސް ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. އަދި އެއްބަސްވުމުގެ ޝަރުޠުތައް ފުރިހަމަ ނުވަނީސް ހުރުމުޒް ކަނޑުއޮޅި ނުހުޅުވާނެ ކަމަށް އީރާނުން ބުނަމުންދާއިރު، ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް ނިޝާނެއް އަދި ފެންނާކަށް ނެތެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު