އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއަށް އަނިޔާކުރި މައްސަލައެއް ސާބިތުވެ، ދިވެހި ފިރިހެނަކު ޖަލަށްލުމަށް ހުކުމްކުރުމަށްފަހު އެ ހުކުމް ޖޫރިމަނާއަކަށް ކްރިމިނަލް ކޯޓުން ބަދަލުކޮށްފިއެވެ.
މިއީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ހިނގި ހާދިސާއަކާ ގުޅިގެން ދައުލަތުން އުފުލި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެކެވެ. މައްސަލައިގައި ދައުވާލިބޭ ފިރިހެން މީހާ ޝަރީއަތުގައި ކުށަށް އިއުތިރާފުވުމާ ގުޅިގެން، މައްސަލަ ކުރިއަށްގެންދިޔައީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. ކޯޓު ރިޕޯޓުން އެނގޭ ގޮތުގައި، އޭނާ ވަނީ ކޮއްކޮގެ ކަރުގައި ހިފައި ބިންމައްޗަށް ވައްޓާލައި އަދި އިސްތަށިގަނޑުގައި ހިފައި އަނިޔާކޮށްފައެވެ.
ގާނޫނުލްއުގޫބާތުގައިވާ ގޮތުން، މީހެއްގެ ހަށިގަނޑަށް ތަދެއްވުން، ބައްޔެއް ޖެއްސުން ނުވަތަ ޖިސްމާނީ އުނިކަމެއް ދިނުމަކީ އަނިޔާކުރުމުގެ ކުށެވެ. މި ކުށް ދެ ދަރަޖައަކަށް ބެހޭއިރު، އާންމު އަނިޔާ ދިނުމަކީ ޖުނަހްގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ނުވަތަ ބޮޑު އަނިޔާއެއް ދިނުމަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން އެ ފިރިހެން މީހާގެ މައްޗަށް އިއްވީ 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ކޯޓުން ވަނީ އެ ހުކުމް 7,200 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށް، ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ނިންމުމަށް އަންގާފައެވެ.



